ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާންގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ 10 ބޭފުޅުން ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތައް:
ހޫދު މުޙައްމަދު / ވަލުގެ، ގދ.މަޑަވެލި
އަޙްމަދު ރިފްޢަތު / ސީފިޔާގެ، ރ.މަޑުއްވަރީ
އާދަމް ޝަމީމު / މަލާޒް، ދ.މާއެނބޫދޫ
އާމިނަތު ނަޝްމީ ފަޟީލް / މ.ޒޭވަރު، މާލެ
ޢާއިޝަތު ޙިކްމާ / އަސްރަފީވިލާ، ސ.ހިތަދޫ
އިސްމާޢީލް ސާޖިދު / މއ.ވިލާރޮދި، މާލެ
މުޙައްމަދު ނިޔާޒް / ނައިޓްރޯސް، މ.ރަތްމަންދޫ
މަރްޔަމް ޝަހާނާ / މ.މެދުރިޔާ، މާލެ
މަރްޔަމް ނިހާޔަތު / މ.ތާޖް، މާލެ
ޝަފީޤާ ނަޢީމް / ބީޗްސައިޑް، ފ.ނިލަންދޫ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަސާސީ މުސާރައެއްގެ ގޮތުގައި 30،000 ރުފިޔާ ލިބޭނެއެވެ. އަދި އެގްޒެކްޓިވް އެލަވެންސްގެ ގޮތުގައި 27،235 ރުފިޔާ އާއި ފޯނު އެލެވެންސްއެއްގެ ގޮތުގައި 2،000 ރުފިޔާ ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ގޮތުގައި އަސާސީ ޝަރުތުތަކުގެ އިތުރުން، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
ހަމައެހެންމެ އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
އަދި ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދު އަޚްލާޤީ ޢަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މީގެ އިތުރުން ޗީފް އެ މަޤާމަށް ހުށައަޅާ ފަރާތަކީ، އުމުރުން 60 އަހަރުން ދަށުގެ މީހަކަށް ވުމާއި އިދާރީ ހިންގުމުން ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެއެވެ.