ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.5 ކިލޯއަށް ވުރެ ގިނަ ކެނަބިސް މިދިޔަ ހޮނިހިރު ދުވަހު އަތުލައިގެންފައިވާ ކަމަށެވެ.
ކަސްްޓަމްސް އިން ބުނި ގޮތުގައި، އެއީ އިންޑިއާ އިން ރާއްޖެ އައި އެ ގައުމުގެ 2 ފަސިންޖަރެއްގެ ލަގެޖްގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ބެންގަލޫރުން ރާއްޖެއަށް ދަތުރުކުރި އިންޑިއާ ބައެއްގެ ލަގެޖްތަކުގައި އިތުރު ފޫތަކެއް އަޅައި އޭގެ ދަށުގައި ފޮރުވައިގެން 8.3 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި ދިވެހިންވެސް ހިމެނޭގޮތަށް މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.