މާލެ ސިޓީއަކީ، ޒަމާނީ ސްމާޓް ސިޓީއަކަށް ބަދަލުކުރުމާ ގުޅޭގޮތުން، ޗައިނާގެ ބެއިޖިންގެ ޖޮންގުއަންކުން ސްމާޓް ސިޓީ ކޯ ލިމިޓެޑްގެ މަންދޫބުންނާ މާލެ ސިޓީގެ މޭޔަރު އާދާމް ޢާޒިމް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ، މާލެ ސިޓީގެ ތަރައްޤީއަށް ގެނެވިދާނެ ޒަމާނީ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ސްމާޓް ސިޓީ އިނޮވޭޝަނާއި، ސިޓީތަކަށް ގެނެވޭނެ ޒަމާނީ ބަދަލުތަކާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން ޚާއްޞަކޮށް ޓެކްނޮލޮޖީއާއި ޑޭޓާގެ އެހީގައި ހިންގާ ގަވަރނަންސް ނިޒާމުތަކުގެ ބޭނުން ހިފައިގެން ސިޓީގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން، ދެ ފަރާތުން ޚިޔާލު ބަދަލުކޮށްފައިވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލުން ބުނީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުޞޫލުތަކުގެ އަލީގައި މާލެ ސިޓީއަކީ ސްމާޓް، ދެމެހެއްޓެނިވި އަދި ވިލުންތެރި ސިޓީއަކަށް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކަށް މި ބައްދަލުވުމުގައި އަލިއަޅުވައިލައްވާފައިވާ ކަމަށެވެ. މިއީ މާލެ ސިޓީގެ ތަރައްޤީއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ދެނެގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
ކުރިމަގުގައި ޖޮންގުއަންކުން ސްމާޓް ސިޓީ ކޯ ލިމިޓެޑާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގެ ހިންގުން ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަ ކުރުމަކީ، މި މަޝްވަރާތަކުގެ މައިގަނޑު އެއް މަޤުޞަދު ކަމަށެވެ.
މި ބައްދަލުވުމުގައި މޭޔަރު ޢާޒިމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ހަލީމާއި ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.