ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ޕަވަރ ހައުސްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އަޒްވަރު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ގާއިމުކުރުމަށް މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އެ ޕަވަރ ހައުސް ގާއިމުކުރުމަށް 2028އަށް ޕްލޭންކުރެވިފައިވާ ކަމަށް އަޒްވަރު ވިދާޅުވިއެވެ.
ހަމައެހެންމެ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އިތުރަށް ރަނގަޅު ކުރުމަށްޓަކައި މިހާރުވެސް ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އަޒްވަރު ވިދާޅުވިއެވެ.
މި މަހުގެ 21އިން 31އަށް ކުރިއަށްގެންދާ މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ، އެކަށީގެންވާ ކަމެއްކަމަށްވެސް ސްޓެލްކޯއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ޕަވަރ ހައުސްއެއް ގާއިމުކުރުމަށް ނިންމާފައި ވާއިރު، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ސްޓެލްކޯއާ ސަރުކާރުން ރަސްމީކޮށް ހަވާލުކުރީ، މިދިޔަ މަހުގެ ތެރޭގައެވެ.