މި ސަރުކާރުން ވަޒީފާތަކުން މީހުން ވަކި ކުރަމުންދަނީ ވެރިކަންކުރާ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި، ސަރުކާރު ދެމެހެއްޓެމުގެ ހީލަތްތެރި ވިސްނުމުގައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބޯޑުގެ ނިވަލުގައި އޮވެ، އެމްޑީޕީގެ އާންމު މެންބަރުންނާއި އިސްލާޙަށް ލޯބިކުރާ ދިވެހި ރައްޔިތުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ވަޒީފާއިން ވަކި ކުރަމުންދަނީ އެއްވެސް ސުމާރެއްނެތި ކަމަށެވެ.
މިއީ އިޤްތިޞާދު ހީނަރުވެ ޑޮލަރުގެ އަގު އިންތިހާޔަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެތައް ރައްޔިތުންނެއް ބިކަކޮށް ޢާއިލާތައް އިނދަޖައްސާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޝާހިދު ވަނީ މިކަން ވަގުތުން ހުއްޓާލާ، ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް، ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތްކޮށް ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުން، އެފަދަ ބޭއިންސާފާއި ކުރިމަތިލާންޖެހޭ ކޮންމެ ރައްޔިތެއްގެ ޙިމާޔަތުގައި އެމްޑީޕީ ދެމި އޮނަނާނެ ކަމަށް ވިދާޅުވެ ޝާހިދު ވަނީ، އެމްޑީޕީގެ ވެރިކަމެއްގައި އެކަމުގެ ބަދަލު ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ.