މިހާރު އެއްވެސް މީހަކު ނޭނގި ސިޔާސީ ޕާޓީއަކަށް ރަޖިސްޓްރީއެއް ނުކުރެވޭނެ ކަމަށާއި، އީފާސް ނިޒާމާއެކު އެކަމަށް ދާއިމީ ހައްލު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ޒަކަރިއްޔާ ވިދާޅުވީ "ސިމެދަ" ޕޯޓަލް ތަޢާރަފުކޮށް، ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ފަސޭހަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ޕޯޓަލާއެކުވެސް ޕާޓީތަކަށް ބައެއް މީހުންނަށް ނޭނގި އެ މީހުން ވައްދާ މައްސަލަ ކޮމިޝަނަށް ލިބެމުން އައި ކަމަށް ހަސަން ވިދާޅުވިއެވެ.
އެގޮތުން އީފާސްގެ ތެރެއިން ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ކަންކަން ބަދަލުކުރީ އެކަން ހައްލު ކުރުމަށް ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ކުރިން ޕާޓީތަކަށް ވައްދާ މީހުންގެ ފޯމުތަކުގެ ސައްޙަކަން ކަށަވަރުނުކުރެވެނީ ޕާޓީތަކުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ހިންގާއިރު އެކަންްކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މިހާރު އެއްވެސް ސިޔާސީ ޕާޓީއަކާ ހަމައަށް އެފަދަ މައްސަލައެއް ނާންނާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށް ނޭނގި ޕާޓީއަކަށް އެ މީހާ ރަޖިސްޓްރީ ނުކުރެވޭނެ ކަމުގެ ޔަގީންކަން އީސީން ދޭ ކަމަށެވެ.
ހަސަން އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވަކިވާން އެދޭ މީހުންނަށް މީގެ ކުރިން އެ ޕާޓީއަކަށް ހުށަހަޅައިގެން ވަކިވާންޖެހޭއިރު، މިހާރު އީފާސްގެ ތެރެއިން އެކަމަށްވެސް ހައްލު ލިބިގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ޕާޓީތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން ކޮންމެ މީހަކަށްވެސް ބޭނުންވަގުތަކު އީފާސް މެދުވެރިކޮށް މިހާރު ސިޔާސީ ޕާޓީތަކުން ވަކިވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.