ފިނަސްޓްރާގެ 'އެސެންސް' ޕްލެޓްފޯމް އިޚްތިޔާރުކުރީ ބޭންކުގެ ހިންގުން ހަރުދަނާކޮށް، އީޖާދީ ޚިދުމަތްތަކާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

މާލީ ދާއިރާގެ ސޮފްޓްވެއަރ އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ފިނަސްޓްރާއިން މިއަދު އިޢުލާންކުރި ގޮތުގައި، ބީއެމްއެލްގެ ކޯބޭންކިންގ ނިޒާމު ޒަމާނީ ކުރުމަށާއި ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމް ވަނީ ހޮވައިފައެވެ.

މި އެއްބަސްވުމުގެ ސަބަބުން އައު އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް ހަރުދަނާވުމުގެ އިތުރުން، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގެންދާނެއެވެ.

ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބިގެންދާނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި ހިމެނެނީ:

  • އައު އުފެއްދުންތަކާއި ޚިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން.

  • އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުން.
  • ބޭންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުން.

ބީއެމްއެލްގެ އަމާޒަކީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތަޢާރަފުކުރުމާއި، ޚިދުމަތްދޭ ކަސްޓަމަރުންނާއި މުޖުތަމަޢުތަކަށް ދެމެހެއްޓެނިވި މަންފާއާއި ކުރިއެރުން ހޯދައިދިނުން ކަމުގައި އެ ބޭންކުން ފާހަގަކުރެއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު. އެ ބޭންކުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބީއެމްއެލް އިން ފިނާސްޓްރާ އެސެންސް އިޚްތިޔާރު ކުރުމުން ހާމަވަނީ، އަޅުގަނޑުމެންގެ ކޯ ބޭންކިންގ ޕްލެޓްފޯމުގެ ވަރުގަދަކަމާއި ފަހެލިކަން. އަދި މާލީ އިދާރާތަކުން ހަރުދަނާކަމާއެކު ހަލުވި ދުވެލީގައި އައު އީޖާދުތައް ތަޢާރަފުކުރުމަށް އަޅުގަނޑުމެންނަށް ދެވޭ އެހީތެރިކަން. ބޭންކުގެ އުންމީދީ ކުރިއެރުމާއި ބަދަލުތައް ހާސިލުކުރުމުގައި އެހީތެރިވެދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.

ނަސްޓްރާގެ ޔުނިވަރސަލް ބޭންކިންގެ އީ.ވީ.ޕީ ޝަވާން

ފިނަސްޓްރާ އެސެންސް އިޚްތިޔާރުކުރީ އެ ޕްލެޓްފޯމުގައި ހިމެނޭ ފުރިހަމަ ޚިދުމަތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، ޕްލެޓްފޯމުގެ ފްލެކްސިބިލިޓީގެ ސަބަބުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ފިނަސްޓްރާގެ މަސައްކަތްތަކުގެ ފެންވަރާއި، ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރާއި، މި ޕްރޮޖެކްޓް ވަޒަންކުރުމުގެ މަރުހަލާގައި އެ ކުންފުނިން ދެއްކި ޕާފޯމަންސްގެ މައްޗަށް ބިނާކޮށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.