ސަރުކާރު ހޮސްޕިޓަލުތަކުގައި ޤާއިމުކުރި "އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން 23،000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އެމްސީޖީއެޗްއިން ބުނެފިއެވެ.

އެމްސީޖީއެޗް އިން މިކަން ހާމަކޮށްފައި ވަނީ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުންނެވެ.

އެގޮތުން އެމްސީޖީއެޗުން ބުނީ ސަރުކާރު ހޮސްޕިޓަލުތަކުގައި ޤާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް ޖުމްލަ 23،847 އައިނު ހައްދާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ގިނަ އަދަދެއްގެ އައިނު މިހާރު ތައްޔާރުކޮށް ހަވާލުކޮށްފައިވާ ކަމަށް އެމްސީޖީއެޗުން ބުނެއެވެ.

ސަރުކާރު ހޮސްޕިޓަލުތަކުގެ ތެރެއިން މިހާތަނަށް އެމްސީޖީއެޗް އޮޕްޓިކަލްސްގެ އައިނު ފިހާރަ ވަނީ 4 ހޮސްޕިޓަލެއްގައި ގާއިމުކޮށްފައެވެ. އެއީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.

އައިޖީއެމްއެޗު އައިނު ފިހާރައަށް އައިނު ހައްދަން ޖުމްލަ 13,595 އޯޑަރު ލިބިފައިވާއިރު، 12,507 އައިނު ވަނީ ހައްދައި ހަވާލުކޮށްފައެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރައަށް ޖުމްލަ 8,934 އޯޑަރު ލިބިފައިވާއިރު، އޭގެތެރެއިން 8,247 އައިނު ހައްދައި ހަވާލުކޮށްފައިވާއިރު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު 2,096 އޯޑަރުގެ ތެރެއިން 1,746 އައިނު ވަނީ ހައްދައި ހަވާލުކޮށްފައެވެ.

މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު ޖުމްލަ 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ވަނީ ހައްދާނިމި ހަވާލުކޮށްފައެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގު ހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުގެ ދަށުން ފެށި ޚިދުމަތެކެވެ.

އެ ހިދުމަތަށް 15 ޖެނުއަރީ 2026 އިން ފެށިގެން އާސަންދައިގެ ޚިދުމަތް ދޭން ރަޖިސްޓްރީވެފައިވާ އަމިއްލަ 18 ތަނަކުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ލިބޭނެކަން އާސަންދަ ކުންފުނިން ވަނީ އިޢުލާންކޮށްފައެވެ. އޭގެތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، އައިކެއާގެ ބްރާންޗުތަކާއި، އެޑްވާންސް އައި ކްލިނިކާއި، ސިޓީ އޮޕްޓިކަލްއާއި، ވިޜަން ކްލިނިކް އަދި ސެނަހިޔާގެ އިތުރުން ބައެއް އެހެނިހެން މެޑިކަލް ސެންޓަރުތައް ހިމެނެއެވެ.

އާސަންދައިގެ ދަށުން އައިނު ހައްދަން ދޭ އެހީ ވަނީ، 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.