ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުން ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން، ސްޕެއިންގެ ރަސްގެފާނު ފެލީޕޭ 6 ވަނައަށާއި، އެގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕްގެ ތަށި އުފުލާލީ، ރައީސް ޑރ. މުއިއްޒު ސަޕޯޓްކުރައްވާ ޓީމު ކަމަށްވާ އާޖެންޓީނާގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.
ސްޕެއިންގެ މި ކާމިޔާބީއާ ގުޅިގެން އެގައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކާމިޔާބީއަކީ ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަގުބޫލު ކުޅިވަރެއް ކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓީމެއް ކަމަށެވެ. ހަމަމިއާއެކު، ސްޕެއިންގެ ކާމިޔާބީ، މުޅި ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ސްޕެއިނާ ދެމެދު އުފެދިފައިވާ ގާތް، އަދި ދެމެހެއްޓެނިވި ރަހުމަތްތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުފުޅުތައް ނިންމަވާލައްވަމުން، ސްޕެއިންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންނެވި އެވެ. އަދި ސްޕެއިންގެ ރައްޔިތުންނަށް ދާއިމީ ސުލްހަވެރިކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެ އެވެ.