މާލޭގެ މަގުތަކުގެ ބޮޑު ބައެއް އުޅަނދުފަހަރު ހިއްސާކުރާއިރު، އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގުޅިގެން، މާލޭގެ ތޮއްޖެހުން ކުޑަކުރުމާއި ކާރިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މިއަދު ފެށި މަސައްކަތު ބައްދަލުވުމުގަ އެވެ.

މީރުމާ ހޮޓަލުގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ޖައްވަށް ބޭރުވާ ގޭސްތަކުގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނައީ މާލެ ސިޓީން ބޭރުވާ ގޭސް ކަމަށެވެ. މިއީ ނުރައްކާތެރި މިންވަރެއްކަން ފާހަގަކުރައްވައި، މިއީ ނައިޓްރޯޖަން އޮކްސައިޑްސް އަދި ބްލެކް ކާބަން ތަޣައްޔަރުވުމުގެ މައިގަނޑު ސަބަބު ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މީހުން ދަތުރުފަތުރުކުރާ ގޮތް ދެނެގަތުމަށް އެސްކޭޕްގެ އެހީތެރިކަމާއެކު ދާދިފަހުން ކުރިއަށްގެންދިޔަ "އާބަން މޮބިލިޓީ ސާވޭ" އަށް އަލިއަޅުއްވާލައްވަމުން މޭޔަރު އާޒިމް ވިދާޅުވީ، މި ސާވޭއިން އުޅަނދުފަހަރު ގެންގުޅޭ މިންވަރާއި، ތޮއްޖެހުން ބޮޑު ސަރަހައްދުތަކާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް އެއްކުރެވިފައިވާ ކަމަށެވެ. މިއީ "ރީތިންކް މާލެ ސިޓީ" އިސްނެގުމުގެ ބިންގާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީއާ މެދު ގެންގުޅުއްވާ އިސްތިރާޖީ ތަސައްވުރުތައް ހިއްސާކުރައްވަމުން އާޒިމް ވިދާޅުވީ، އަމާޒަކީ ހިނގާބިނގާވެ އުޅެވޭ، ފިނި، އަދި ރައްކާތެރި ސިޓީއަކަށް މާލެ ހެދުން ކަމަށެވެ. އެގޮތުން، ކާބަފައިންގެ ފަރާތުން ވާރުތަވި މާލެ ސިޓީއަށް ވުރެ ފުރިހަމަ ސިޓީއެއް އަންނަން އޮތް ޖީލަށް ދޫކޮށްދިއުމަށް އަޒުމް ކަނޑައަޅެމަށް އާޒިމް އެދިވަޑައިގެންފައިވެ އެވެ.

މޭޔަރު އާޒިމް ވަނީ، މި މަސައްކަތު ބައްދަލުވުމުން ލިބޭ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާއެކު، މާލެއަކީ މިހާރަށްވުރެ ތޮއްޖެހުން ކުޑަ އަދި ތިމާވެއްޓާ ރައްޓެހި ތަނަކަށް ބަދަލުކުރުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ދިވެހިރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް 'ނެޓް-ޒީރޯ' ގައުމަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މިފަދަ އިސްލާހީ ފިޔަވަޅުތައް މުހިންމު ކަމުގައި އާޒިމް ފާހަގަކުރެއްވި އެވެ.