އޮސްޓްރޭލިއާގެ މާކެޓުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ "ވިޒިޓް މޯލްޑިވްސް ވީކް އިން އޮސްޓްރޭލިއާ" ރޯޑްޝޯ މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، ތިން ސިޓީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ރޯޑްޝޯގެ ފުރަތަމަ ހަރަކާތް މިއަދު ޕާތުގައި ފަށާފައިވާއިރު، ޖުލައި މަހުގެ 22 ވަނަ ދުވަހު މެލްބަންގައި އަދި 23 ވަނަ ދުވަހު ސިޑްނީގައި މި ހަރަކާތް ކުރިއަށްދާނެ ކަމަށެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރާއްޖެއާއި އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮސްޓްރޭލިއާގެ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލަކަށް ރާއްޖެ ހެދުން ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

"ވިޒިޓް މޯލްޑިވްސް ވީކް" ގެ އާ ކޮންސެޕްޓުގެ ދަށުން ކުރިއަށްގެންދާ މި ރޯޑްޝޯއަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި، މީޑިއާ، އިންފްލުއެންސަރުން އަދި މި ދާއިރާގެ މުހިންމު ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތާއި، އާ އުފެއްދުންތަކާއި ތަޖުރިބާތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައި ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ، މިއީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މާކެޓުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް" އިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި، މި އަހަރުގެ ރޯޑްޝޯ ހާއްސަވާ އަނެއް ސަބަބަކީ، މެއި 2026 ގައި ގައުމީ އެއާލައިން "މޯލްޑިވިއަން" އިން މާލެއާއި މެލްބަންއާ ދެމެދު ސީދާ ދަތުރުތައް ފެށުން ކަމަށެވެ.

މި ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިވެ، އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

އޮސްޓްރޭލިއާ އަކީ މިހާރު ރާއްޖެއަށް 10 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަށް ވާއިރު، އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތަކީ ޖުމްލަ ފަތުރުވެރިންގެ 2.2 އިންސައްތައެވެ. އެގޮތުން ފާއިތުވި މެއި މަހަކީ އޮސްޓްރޭލިއާ މާކެޓަށް ބޮޑު ކުރިއެރުމެއް ލިބުނު މަހެކެވެ. އެގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 24.2 އިންސައްތަ އިތުރުވެފައެވެ. މިއީ މުޅި މާކެޓަށް އައި ބޮޑު ކުރިއެރުމެއް ކަމުގައި ވިޒިޓް މޯލްޑިވްސް އިން ފާހަގަކުރެއެވެ.