އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެގައުމުގެ މެމްބަރ އޮފް ޕަރލަމެންޓް، އެންޑްރޫ ބަރނަމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.
އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު، އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން، ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމާއި، އިންސާނީ ހައްގުއް ހިމާޔަތްކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ކުރިއެރުވުމުގެ މަތީގައި ބިނާވެފައިވާ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ޒަމާންވީ ތާރީހީ ރަހުމަތްތެރިކަމާއި އެއްބާރުލުން ދިނުމުގެ، ދޭދޭ ގުޅުމަށް ދިވެހި ސަރުކާރުން ދެއްވާ ހާއްސަ އަހަންމިއްޔަތުކަން، ރައީސް ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގްތިޞާދީ ތަރައްގީގައި އިނގިރޭސިވިލާތުގެ މުހިންމު ހިއްސާ ފާހަގަކުރައްވާ، ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ހަމަމިއާއެކު، ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބޮޑުވަޒީރު، އެންޑްރޫ ބަރނަމާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، ދެ ގައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުއިއްޒުގެ މި ސިޓީފުޅު ނިންމަވާލައްވަމުން، ބޮޑުވަޒީރު އެންޑްރޫ ބަރނަމަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިނގިރޭސިވިލާތުގެ އެކުވެރި ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަޔާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެ އެވެ.