ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ކުޑޫ މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިން ކުރާ ކުށްތަކަށް ޖަވާބުދާރީކުރުވުމުގައި އެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، އިސްލާހުކުރުމަށް ބާރުއަޅާ ޒަމާނީ ގާނޫނެއް އޮތް ނަމަވެސް، އެ ގާނޫނު ތަންފީޒުކުރުމުގައި އިދާރީ އަދި އޮނިގަނޑުގެ ތެރޭގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ގާނޫނުގައި ލާޒިމުކޮށްފައިވާ ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި ރިހެބިލިޓޭޓްކުރާ މަރުކަޒުތައް ބޭނުންވާ މިންގަނޑަށް ގާއިމުވެފައި ނެތުމުން، ކުށްކުރާ ކުދިން ބައިތިއްބާނެ ރައްކާތެރި މާހައުލެއް ގައުމުގައި ނެތްކަން ވެސް ކުޑޫ ވަނީ ފާހަގަކުރެއްވާފައެވެ.

ކުޑޫ ވިދާޅުވީ، މީގެ ސަބަބުން ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ކުދިން އެކަށީގެންވާ ފަރުވާއެއް ނެތި ގިނަ ދުވަހު ބަންދުގައި ބައިތިއްބަން ޖެހޭ މައްސަލަ ބޮޑުވެފައިވާއިރު، ކުދިން ޝަރީއަތަށް ފޮނުވުމުގެ ބަދަލުގައި މުޖުތަމައަށް އަހުލުވެރިކުރުވަން ހިންގަންޖެހޭ ޑައިވާޝަން ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާކުރެވިފައި ނެތުމާއި، ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަ ފުލުހުންނާއި ޕްރޮސިކިއުޓަރުން އަދި ފަނޑިޔާރުން ތަމްރީނުކުރުމުގެ މަސައްކަތް ލަސްވުމަކީ މުޅި ނިޒާމަށް އޮތް ހުރަހެއްކަމަށެވެ. އަދި ޕްރޮބޭޝަން އޮފިސަރުންނާއި ސޯޝަލް ވޯކަރުންގެ އަދަދު މަދުވުމުގެ ސަބަބުން ކުދިން މޮނިޓާކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށް ވެސް ކުޑޫ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމުން، އެއަށްވުރެ ހަގު ކުދިން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމުގައި ގާނޫނީ އަދި އިދާރީ ބޮޑެތި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ.

ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި ޖުވެނައިލް ކޯޓަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ނުލިބުމުގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުން ކުޑަވުމަކީ ގާނޫނު ހިންގަން އޮތް ހުރަހެކެވެ. އެކަން ފާހަގަކުރައްވައި ކުޑޫ ވިދާޅުވީ ހާއްސަކޮށް، ކުޑަކުދިން ލައްވައި ކުށްކުރުވާ ބޮޑެތި މީހުންނަށް ހައްގު އަދަބު ނުދެވޭނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ.

އެހެން ކަމުން ކުޑޫ ވަނީ، މި ހުރިހާ ކަންކަމަކަށް ހައްލެއް ހޯދުމަށްޓަކައި، ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.