ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސަކަތް މާދަމާ ފަށަން ތައްޔާރުވަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ މަސައްކަތްތައް މި މަހުގެ 21 އިން ފެށިގެން 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ، މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ .

ސްތެލްކޯ އިން ވަނީ، މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައިވާތީ، އެކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.