މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، އެ ތަނުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ރިޔާސީ ވަޢުދުފުޅެއްކަމުގައިވާ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލް އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީއާ ދެމެދު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކަމަށް މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީޤުއެވެ. އަދި ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

އެމްޕީއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަ، 14.6 މީޓަރު ފުން މިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަ 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނޭ ކަމަށެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ، ޒަމާންވީ މުހިއްމު އެތައް މައްސަލައަކަށް ހައްލުހޯދައި ދިނުމާއި، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަޞީލަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.

ދުނިޔޭގެ ބަނދަރު ހެދުމަށް ޤާބިލް ކުންފުންޏެއްކަމަށްވާ، ސީއެޗްއީސީ އާއެކު ވެވުނު މި އެއްބަސްވުމަކީ ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި 11 ނޮވެމްބަރ 2027ގެ ނިޔަލަށް، ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް 01 ޖޫން 2026 ގައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރެވިފައެވެ. އޭގެތެރޭގައި 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުން ހިމެނެއެވެ. މި މަޝްރޫޢު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1،000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ ކީ-ވޯލްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަކޮށްގެން 2،000 މީޓަރަށް ވުރެން ދިގު ކީ-ވޯލް ހިމެނޭގޮތަށް ޑޮމެސްޓިކް ޓަރމިނަލްއެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ހިންގުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ، މާލޭ ވިޔަފާރި ބަނދަރުގެ ބިމުގެ ޖާގައަށްވުރެ، 10 ގުނަ ބޮޑު ސަރަހައްދެކެވެ. އެހެންކަމުން، ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ބަނދަރުގެ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގައި އެމްޕީއެލް އިން ފާހަގަކުރެ އެވެ.