ސައުދީ އަރަބިއްޔާ އަށް އެކި ފަހަރު މަތިން އެތެރެވޭ ގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހާއްސަ އުމްރާ ވިސާއެއް އެ ގައުމުގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ތައާރަފުކޮށްފި އެވެ.

ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން މިއަދު ބުނީ މިއީ އުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމަށާއި ސައުދީ ވިޝަން 2030 އަދި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް"ގެ މަގުސަދުތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަލަށް ތައާރަފުކުރި ވިސާ ދޫކުރާ ތާރީހުން ފެށިގެން 365 ދުވަސް (އެއް އަހަރު) ދުވަހަށް އެ ވިސާގައި ސައުދީއަށް އެތެރެވެވޭނެ ކަމަށާއި އެ

ވިސާގެ މުއްދަތުގެ ތެރޭގައި އެކި ފަހަރު މަތިން ސައުދީއަށް އެތެރެވެވޭ ނަމަވެސް މެދުނުކެނޑި ތިބެވޭނީ ގިނަވެގެން 90 ދުވަހުގެ މުއްދަތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ެއަދި ކޮންމެ ދަތުރަކަށް ވެސް ސައުދީ ސަރުކާރުން ހުއްދަ ދީފައިވާ ފަރާތްތަކުން "ނުސުކް" ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތްތަކުގެ ޕެކޭޖެއް ގަންނަން ޖެހޭނެ ކަމަށާއި

ސައުދީއަށް އެތެރެވުމުގެ ކުރިން "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އުމްރާވުމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

ހަމައެހެންމެކޮންމެ ދަތުރެއް ނިންމައި ފުރައިގެން ދިއުމުން ވިސާ ޑީއެކްޓިވޭޓްވާނެ، ކަމަށާއި ޖެހިގެން އަންނަ ދަތުރަށް ބޭނުންވާ ޝަރުތުތައް ހަމަކުރުމުން އަލުން އެކްޓިވޭޓްވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ހައްޖާއި އުމްރާ މިނިސްޓްރީން ބުނީ އެ ވިސާގެ ދަށުން ހައްޖު މޫސުމުގެ ދުވަސްވަރު ސައުދީއަށް އެތެރެއެއް ނުވެވޭނެ ކަމަށާއި ކޮންމެ ހިޖުރީ އަހަރެއްގެ ޒުލްގައިދާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޒުލްހިއްޖާ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ވިސާ މެދުކަނޑާލާނެ ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އަލަށް ތައާރަފުކުރި ވިސާގެ ސަބަބުން ހައްޖާއި އުމްރާ ދަތުރުތައް ރޭވުމުގައި އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބި، ޑިޖިޓަލް އަދި އޮޕަރޭޝަނަލް ހިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

އުމްރާއަށް ދާ ދިވެހިންގެ އަދަދު އިތުރުވަމުން އަންނައިރު ސްކޫލް ބަންދާ ދިމާކޮށް މި ޖުލައި މަހު ވެސް އެކި ގްރޫޕްތަކުގެ ހަވާލުގައި މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.