މެޕްސް ކޮލެޖްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ހުކުރުދުވަހުގެ ރޭ ބާއްވައިފިއެވެ.
ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރް ޝަރަފްވެރިކޮށްދެއްވި މިޙަފްލާގައި ވިޔަފާރިއާގުޅޭ ނުވަ ދާއިރާގެ މެޕްސް ކޮލެޖުން ހިންގާ 22 ކޯހުން ދަރިވަރުންވަނީ ދަސްވެނިވެފައެވެ. އޭގެތެރޭގައި މެޕްސް ކޮލެޖްގެ ސެޓްފިކެޓް ލެވެލް 3 ފެށިގެން މާސްޓާރ ލެވެލްގެ ކޯސްތައް ފުރިހަމަކުރި ދަރިވަރުން ހިމެނެއެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (ފައިނޭންސް) އަދި މާސްޓަރ އޮފް ބިޒްނަސް (ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓް) ކޯސްތައް ފުރިހަމަކޮށްފައިވާ ގިނަ ޢަދަދެއްގެ ދަރިވަރުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެފާވެއެވެ.
ހުކުރު ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޕްސް ކޮލެޖުގެ ޑެޕިއުޓީ ޑިރެކްޓަރ ފާތިމަތު ރަޝީދު ވިދާޅުވިގޮތުގައި، މެޕްސް ކޮލެޖްގެ އަބަދުގެވެސް ޢަމާޒަކީ އަދި މަޤްޞަދަކީ ފެންވަރު ރަނގަޅު، ޒަމާނާ ގުޅޭ އަދި މުސްތަޤްބަލަށް ފަހިވާފަދަ މަތީ ތަޢުލީމް ފޯރުކޮށްދިނުމެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާގައި މެޕްސް ކޮލެޖުން މުޅިން އައު ދެ މާސްޓަރސް ކޯހެއް ތަޢާރަފްކޮށްފައިވާ ކަމަށް ޑެޕިއުޓީ ރެކްޓަރ ވަނީ ވިދާޅުވެފައެވެ. މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ އަދި މާސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން، މިދެޕްރޮގްރާމްވެސް ތަޢާރަފްކުރީ ދަރިވަރުންނާއި، ވަޒީފާދޭ ފަރާތްތަކާއި ޕަބްލިކް ސެކްޓާރއަށް މިފަދަ ތަޢުލީމީ ޕްރޮގްރާމްތަކުގެ ބޭނުން އޮތްކަމަށް ދެނެގަނެގެން ކަމަށް ވެސް ވިދާޅުވިއެވެ.
ހަމައެއާއެކު ރަސްމިއްޔާތުގައި ބެޗެލަރސް ޑިގްރީގެ ކޯސްތައް ފުރިހަމަކުރި ދަރިވަރުންގެތެރެއިން ވެސް މިމާސްޓަރސް ލެވެލްގެ ކޯސް ފަށަން ބޭނުންވާ ދަރިވަރުންނަށް މިއީ ލިބުނު އުފާވެރި ހަބަރެއް ކަމަށް ޑެޕިއުޓީ ރެކްޓަރ ވަނީ ވިދާޅުވެފައެވެ. މެޕްސް ކޮލެޖަކީ އަބަދުވެސް ތަޢުލީމީ އަދި ޢިލްމީ ދިރާސީ ބިންގާ ހަރުދަނާކޮށް، ދިރާސާކުރުން ކުރިއެރުވުމަށް މަސައްކަތް ކުރާ ކޮލެޖެއް ކަމަށް ޑެޕިއުޓީ ރެކްޓަރ ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް ކޮލެޖުގެ ދެ މުވައްޒަފަކު ރާއްޖެއިން ބޭރުގައި ޕީއެޗްޑީ ޕްރޮގްރާމްތައް ފުރިހަމަކުރަމުން ގެންދަވާ ކަމަށާއި، ދަރިވަރުން އަދި މުވައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ރޫޙު އާލާކޮށް، ފެންވަރު މަތިކުރުމަށްޓަކައި މެޕްސް ކޮލެޖުން ތަފާތު ކަންތައްތައް ކުރިއަށް ގެންދަވާ ކަމައްވެސް ޑެޕިއުޓީ ރެކްޓަރ ވަނީ ވިދާޅުވެފައެވެ.
ޙަފްލާ ޝަރަފުވެރިކޮށްދެއްވި ތައުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ނަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ މެޕްސް ކޮލެޖުގެ ކާމިޔާބީ މިނެކިރެވެނީ އެ ކޮލެޖުން ހިދުމަތް ދިން އަހަރުތަކުންނެއް ނޫނެވެ. ނަމަވެސް، އެ ކޮލެޖުން ތައްޔާރުކޮށްފައިވާ މީހުންނާއި، ވަޒީފާގެ ބާޒާރާ ގުޅި ގައުމީ ތަރައްގީއަށް ހިއްސާކޮށްފައިވާ ދަސްވެނިންގެ މައްޗަށެވެ. ޝަރަފުވެރި މެހެމާން ދަސްވެނިންނަށް ހަނދާންކޮށްދެއްވީ، އެކުދިން ވަޒީފާގެ ބާޒާރަށް ނުކުންނަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި ކަމެވެ. ސިނާއަތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް ދަނީ އަލުން ބައްޓަންވަމުންނެވެ. އާ ވަޒީފާތަކާއި ދާއިރާތައް ދަނީ އުފެދެމުންނެވެ.
އަދި ދަސްވެނިންގެ މަސައްކަތަކީ ހަމައެކަނި މި ގޮންޖެހުންތަކުން ފުރިގެންވާ ދުނިޔެއަށް ވަނުން ނޫން ކަމަށާއި، މި ދުނިޔެ ބައްޓަންކުރުމުގައި އެހީތެރިވުން ކަމުގައިވެސް ވިދާޅުވިއެވެ ޝަރަފްވެރި މެހެމާންގެ ވާހަކަފުޅު ނިންމާލައްވަމުން ދިވެހި ޤައުމުގެ ކުރިމަގަށް ބޭނުންވާ ޢިލްމުހުރި، ޤާބިލު ފަރާތްތަކެއް ބިނާކުރުމުގައި މެޕްސް ކޮލެޖުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް މެޕްސް ކޮލެޖުގެ އިސްވެރިންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
މި އަހަރުގެ ދަސްވެނިންގެ ތެރެއިން އެކިއެކި ކޯސްތަކުން މަތީ ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް މި ރަސްމިއްޔާތުގައި އިނާމުދެވުނެވެ. އަދި މެޕްސް ކޮލެޖަށް ތަފާތު ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިންނަށްވެސް އެވޯޑް ދިނުން އޮތެވެ