މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެގޮތުން ޖުމްލަ 12 އިންސައްތައަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޗައިނާ އަދި ރަޝިޔާއިންނެވެ. މި ދެ ގައުމުގެ ތެރެއިން 2025 ވަނަ އަހަރު ކޮންމެ ގައުމަކުން 9 އިންސައްތަ ފަތުރުވެރިން އައިއިރު، އިންޑިއާ އަދި ޖަރުމަނުވިލާތުން ކޮންމެ ގައުމަކުން 8 އިންސައްތަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މީގެ އިތުރުން، އިޓަލީން 7 އިންސައްތަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ސްޕެއިން އާއި، އެމެރިކާ އަދި ފްރާންސުން ވަނީ 4 އިންސައްތަ ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

މީގެއިތުރުން ސުވިޒަލޭންޑުން 3 އިންސައްތަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި ލިސްޓުގައި ހިމެނޭ މައިގަނޑު ގައުމުތަކުގެ އިތުރުން، އެހެނިހެން ގައުމުތަކުން 32 އިންސައްތަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ ގައުމު ކަމުގައިވާ ޗައިނާއިން 190،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ މިދިޔަ އަހަރު ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި 1،304 ތަނެއް ވަނީ ހުޅުވާފައެވެ.

އޭގެ ތެރޭގައި 179 ރިސޯޓާއި 936 ގެސްޓްހައުސް އާއި 16 ހޮޓާ އަދި 173 ޓޫރިސްޓް އުޅަނދު ހިމެނޭ އިރު، މި ފެސިލިޓީތަކުގައި ހުރީ 68،190 އެނދެވެ.