މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ މަދުން ޒިޔާރަތްކުރީ ކޮންޓެންޓް ކްރިއޭޓަރުންނާއި އިންފްލުއެންސަރުންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

މިދިޔަ އަހަރުގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން މި ދާއިރާގައި މަސައްކަތްކުރާ މީހުންގެ ނިސްބަތަކީ ޖުމްލަ ފަތުރުވެރިންގެ އެންމެ އެއް އިންސައްތައެވެ.

އެގޮތުން ތަފާސްހިސާބުތަކަށް ބަލާއިރު، ދެން އެންމެ މަދުން ޒިޔާރަތްކުރި ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ 2 އިންސައްތަ ހިއްސާކުރާ ވަޒީފާއެއް ނެތް މީހުންނާއި ކްރިއޭޓިވް ޕްރޮފެޝަނަލުންނެވެ. އަދި ގޭގައި ތިބޭމީހުންނާއި ކިޔަވާ ކުދިންގެ ނިސްބަތަކީ މިއިން ކޮންމެ ބަޔަކުން 3 އިންސައްތައެވެ.

މީގެއިތުރުން ޑިޖިޓަލް ނުވަތަ ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ނިސްބަތަކީ 5 އިންސައްތަ ކަމަށްވާއިރު، ޕްރޮފެޝަނަލުންނާއި ވިޔަފާރިވެރިންގެ ބޮޑު ހިއްސާއެއް މަދުން ޒިޔާރަތްކުރާ ދާއިރާތަކާ ހިލާފަށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ޕްރޮފެޝަނަލުންނާއި ވިޔަފާރިވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕްރޮފެޝަނަލުންގެ 32 އިންސައްތަ އަދި ވިޔަފާރިވެރިން ނުވަތަ މެނޭޖަރުންގެ 26 އިންސައްތަ އަކީ ޖުމްލަ ފަތުރުވެރިންގެ 58 އިންސައްތަ ފަތުރުވެރިންނެވެ.

މީގެ އިތުރުން، ޒިޔާރަތްކުރި ފަންނީ މަސައްކަތްތެރިންގެ ނިސްބަތަކީ 8 އިންސައްތައެވެ. ސަރވިސް ނުވަތަ ސޭލްސް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، އިދާރީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ރިޓަޔަރޑް މީހުންގެ ނިސްބަތަކީ ކޮންމެ ދާއިރާއަކުން 6 އިންސައްތައެވެ.

މި ތަފާސްހިސާބުތަކުގައިވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މަތީ އާމްދަނީ ލިބޭ، ޕްރިމިއަމް އަދި ލަގްޒަރީ ހިދުމަތްތަކަށް ހޭދަކުރުމުގެ ގާބިލުކަން ހުރި ޕްރޮފެޝަނަލް މީހުންގެ މައްޗަށެވެ.