ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން، ރ އަތޮޅާއި ބ އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން، ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ނިޒާމުތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ރ. ކިނޮޅަހުގައެވެ.
މިއީ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެއް ކަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ޕޮއިސްޑް މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ 160 ރަށެއްގައި ގާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުންނެވެ. މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި، 10.6 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުމާއި އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމާއި އަދި އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމު އިފްތިތާޙު ކުރި ރަށްތަކަކީ
ރ. އަލިފުށި
- ރ. ވާދޫ
- ރ. ރަސްގެތީމު
- ރ. އަނގޮޅިތީމު
- ރ. މާކުރަތު
- ރ. ރަސްމާދޫ
- ރ. އިންނަމާދޫ
- ރ. މަޑުއްވަރީ
- ރ. އިނގުރައިދޫ
- ރ. ފައިނު
- ރ. މީދޫ
- ރ. ކިނޮޅަސް
- ރ. ހުޅުދުއްފާރު
- ބ. ކުޑަރިކިލު
- ބ. ކަމަދޫ
- ބ. ކެންދޫ
- ބ. ކިހާދޫ
- ބ. ދޮންފަނު
- ބ. ދަރަވަންދޫ
- ބ. މާޅޮސް
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ހިތާދޫ
- ބ. ފުޅަދޫ
- ބ. ފެހެންދޫ
މީގެ އިތުރުން 27 މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ވެސް ރަށްރަށައް ފޯރުކޮށްދީފައިވާ ކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. މިއަދު މި އިފްތިތާޙުކުރެވުނު 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެއެވެ. މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވަރގެ ސާފު ހަކަތަ އުފައްދާނެއެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ މިއަދު މި އިފްތިތާޙުކުރެވުނު ރަށްތަކާއެކު، ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓްގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ޤާއިމުކޮށްނިމި ބޭނުންކުރަމުންދާނެ ކަމަށް ބުނެފައެވެ. އޭގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރު ނިމޭނެ ކަމަށް އެ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.
ޕޮއިސްޑް ޕްރޮޖެކްޓަކީ ޤައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މަޝްރޫޢެކެވެ. ދިވެހި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއީ ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (NDC) ގައިވެސް ހިމަނާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.