އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ޤައުމީ ސްޓްރެޓެޖީ (އެންއޭސީއެސް) އެކުލަވާލުމަށްޓަކައި ބާއްވާ މަޝްވަރާ ބައްދަލުވުން މިއަދު ފަށައިފިއެވެ.
މި ބައްދަލުވުމަކީ ޤައުމީ ފެންވަރުގެ މުހިންމު ފަރާތްތައް އެއްތަންކޮށް، އެންއޭސީއެސްގެ ޑްރާފްޓާއި އޭގެ އެކްޝަން ޕްލޭން މުރާޖައާކޮށް ހަރުދަނާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
20 އިން 22 ޖުލައި އަށް އޭސީސީގައި ކުރިއަށްދާ މި ތިން ދުވަހުގެ މަޝްވަރާ ބައްދަލުވުމުގެ މަޤްސަދަކީ، ދައުލަތުގެ އިދާރާތަކާއި، އޮޑިޓް ކުރާ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، މަދަނީ ޖަމިއްޔާތައް އަދި ތަރައްޤީގެ ބައިވެރިން ހިމެނޭ ގޮތަށް، ކޮރަޕްޝަން ހުއްޓުވުމާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް ފުރިހަމަ ޤައުމީ ފްރޭމްވޯކެއް އެކުލަވާލުމެވެ.
މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުއީ ދާއިރާ އަދި އެހެނިހެން މުހިންމު އިދާރާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޭސީސީން ބުނީ އެ ބައްދަލުވުމުގެ ފުރަތަމަ ދުވަހު އަލިއަޅުވާލާފައިވަނީ އެންއޭސީއެސްގެ ސްޓްރެޓީޖިކް މިސްރާބުތަކަށެވެ.
މީގެ ތެރޭގައި ސްޓްރެޓެޖީގެ ތަސައްވުރާއި، އުސޫލުތަކާއި، ލަނޑުދަނޑިތަކުގެ އިތުރުން އެކްޝަން ޕްލޭންގެ އޮނިގަނޑާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.
އަދި އިސްކަންދޭންވީ ކަންކަމާއި، އިދާރާތަކުގެ ޒިންމާތަކާއި، ތަންފީޒުކުރުމުގެ މަރުހަލާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވޭނެ ކަމަށް އޭސީސީން ހާމަކުރެއެވެ.
އޭސީސީން ބުނީ ދެވަނަ ދުވަހު ސަމާލުކަން ދޭނީ ސަރުކާރުގެ އެކި އިދާރާތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށެވެ.
އެގޮތުން، ދައުލަތުގެ އިދާރާތަކަށް ހާއްސަކޮށްފައިވާ މަސައްކަތްތަކާއި، ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި، ކޮރަޕްޝަން ހުއްޓުވުމުގައި އެ އިދާރާތަކުގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށާއި މީގެ ތެރޭގައި އާންމު އިދާރާތަކުގެ ނަޒާހަތްތެރިކަން، ދައުލަތުގެ ޕްރޮކިއުމަންޓް، ދައުލަތުގެ ކުންފުނިތައް (އެސްއޯއީ)، މާލީ ކަންކަން ބެލެހެއްޓުން، އަދި ޤާނޫނު ތަންފީޒުކުރުން ފަދަ މުހިންމު މައުޟޫއުތައް ހިމެނޭ ކަމަށް އޭސީސީން ހާމަކުރެއެވެ.
ވޯކްޝޮޕްގެ އެންމެ ފަހު ދުވަހު، ވިޔަފާރިވެރިންނަށާއި މަދަނީ ޖަމިއްޔާތަކަށް، އަމިއްލަ ވިޔަފާރިތަކުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމާއި، ކޮރަޕްޝަން ހުއްޓުވުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ހިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭސީސީން ބުނެއެވެ.
އެންއޭސީއެސް އެކުލަވާލަނީ މުޅި ދައުލަތާއި މުޅި މުޖުތަމައު ޝާމިލުވާ ގޮތަށެވެ.
މިއީ ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ބަލައިގަނެގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ވޯކްޝޮޕްގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީއެއް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ކޮންސަލްޓޭޝަން ޕްރޮސެސްގެ ޒަރިއްޔާއިން، ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ ޑްރާފްޓް އެކުލަވާލުމާއި، އެ ސްޓްރެޓެޖީގެ އެކްޝަން ޕްލޭން އިތުރަށް ހަރުދަނާކޮށް، ފައިނަލް ފްރޭމްވޯކަކީ ޕްރެކްޓިކަލް، އިންކްލޫސިވް އަދި ގައުމީ ބޭނުންތައް ފުއްދައިދޭ ފްރޭމްވޯކަށް ހެދުމަށް އެހީތެރިވެދޭނެ އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ދެފުށް ފެންނަ ގޮތަށް ޖަވާބުދާރީ ކުރުވުމާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ކޮމިޝަނެކެވެ.