މަޖިލީސް ހުއްޓުވައިގެން ސަރުކާރުން ހަދާ ގޯސްތައް ފޮރުވިދާނެ ކަމަށް ބެލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ސަމްހީދު ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ މިއަދު ބާއްވަން ހަމަޖެހިފައިވާ މަޖިލީސް ޖަލްސާ ނުބޭއްވުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އެގޮތުން ސަމްހީދު ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ނުވަތަ ނޫންކަންވެސް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި އަޑުއިވޭ ގޮތުގައި މި ހަފުތާގައިވެސް ޖަލްސާއެއް ނޯންނާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް މިގޮތަށް މަޖިލީހުގައި ތަޅުއެޅުވުމަކީ ސަރުކާރު ޖަވާބުދާރުކުރުވުމަށް އޮތް ޤާނޫނީ ޒިންމާއަށް ހުރަސްއަޅައި، ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށް މެންބަރު ވިދާޅުވިއެވެ.
ސަރުކާރު ޖަވާބުދާރުކުރުވުމަށް އެމް.ޑީ.ޕީ ޕީ.ޖީ ގްރޫޕުން މިހާރުވެސް ވާނީ މުހިންމު ކަންތަކެއް ހުށަހަޅާފައިވާ ކަން ފާހަގަކޮށް ސަމްހީދު ވިދާޅުވީ، ކުންފުނިތަކުން 13,000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާ މައްސަލަ، ސިއްރިޔާތުގެ ފަށައިފައިވާ "ޕާލް ވިސާ"ގެ މައްސަލަ އަދި ވަޒީރުންނާ ސުވާލުކުރުމަށް ހުށަހަޅާފައިވާ 60 އަށްވުރެ ގިނަ ސުވާލު އެބަ ހުރި ކަމަށް މެންބަރު ސަމްހީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކޮންމެ ހަފްތާ އެއްގެ ވެސް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހަށް ބާއްވައެވެ.