އިހްތިރާމް އަދާ ކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީ ރިވެތި އާދަބާ އަހުލާގައި ދިވެހިންގެ މެދުގައި އެކަކު އަނެކަކަށް އޮތް އިހްތިރާމް ކުރުމުގެ ރީތި ސިފަތަށް އަދުގެ ދިވެހިންގެ ތެރޭގައި އަލުން އަށަގެނައުމަށް ޓަކައި ހިންގާ ބިޔަ މަޝްރޫއެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖއެވެ.

މިއަދު ފަށާފައިވާ ވޯކްސޮޕްއަކީ އިހްތިރާމް އަދާ ކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމައްޓަކައި އެކަމަށް އެކި ފަރާތްތަކުގެ ހިޔާލު ހޯދުމަށްޓަކައި ބޭއްވެވުނު މަސައްކަތު ބައްދަލުވުމެކެވެ.

އިހްތިރާމް އަދާކުރެވުމުގެ ގައުމީ މަޝްރޫއެއް ފެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެމަނިކުފާނު ވަރަށް މުހިންމު ނިންމެވުމެއްގެ ގޮތުގައި ނިންމަވާފައިވާ ކަމެއް ކަން ވަޒީރު ހީނާ ފާހަގަކުރެއްވިއެވެ.

އެެހެން ކަމުން މި މަޝްރޫއު ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައު ހުރިހާ ފަރާތް ތަކެއްގެ ހިޔާލާ އަދި ބައިވެރިވުން ހިމެނިގެން މަޝްރޫއު ކުރިއަށް ގެންދިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު

އެގޮތުން މި މަޝްރޫއާ ގުޅޭ ގޮތުން ތަފާތު އެކިއެކި މުއައްސަސާ ތަކާއި ބައްދަލު ކުރެވި އެ ބޭފުޅުން ހިޔާލާ މަޝްވަރާ ކުރާން ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު ކުރިއަށްދާ ބައްދަލުވުމުން ތަފާތު އެކި ދާއިރާ ތަކުގެ ހިޔާލާ މަޝްވަރާއާއެކު މި މަޝްރޫއު ބައްޓަން ވެގެން ދިޔުމަކީ މުޖުތަމައުގައި އިހްތިރާމް އަދާ ކުރުމުގެ ރިވެތި ސިފަ އަށަގެންނެވުމަށާއި ކުޑަކުދިންނަށް ޒުވާނުންނަށް އަދި އަންނަން އޮތް ޖީލުތަކަށް ވެސް މި ރިވެތި ސިފަތަށް ގެންގޮސްދިނުމަށްޓަކައި ނުވަތަ އަށަގެނެވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ތަކަށް ލިބިގެން ދާނެ ވަރަށް މުހިންމު ބާރެއް ކަމުގައި ގަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.