މި ޖުލައި މަހުގެ 26ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ގޮހޮރާއި މައިބަދައިގެ ޚިދުމަތް ހިމެނޭހެން ސިއްހީ އިތުރު ޚިދުމަތްތަކެއް

އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އެ ހޮސްޕިޓަލުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އައު ޚިދުމަތްތަކެއް މިނިވަން ދުވަހުގެ ކުރިން ފަށަން ނިންމާފައިވާ ކަމަށެވެ.

"އެ ޚިދުމަތްތައް މި އަންނަ މިިނިވަންދުވަހުގެ ކުރިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުޅުމާލެ ހޮސްޕިޓަލުގަ ފަށާނަން. އޭގެ ތެރޭގަ ގޮހޮރާ މައިބަދަ.މައިދާގެ ބަލިތަކަށް ޚާއްސަ ބަިލިމީހުން ބެލުމުގެ ޚިދުމަތް."

ސީއީއޯ ހަލީމް

އެގޮތުން އެ ހޮސްޕިޓަލުގައި ގޮހޮރާއި މައިބަދައިގެ ބަލިތަކަށް ޚާއްސަ އޯޕީޑީގެ ޚިދުމަތާއި ޔޫރޮލޮޖީގެ ޚިދުމަތާއި، އީއީޖީގެ ޚިދުމަތުގެ އިތުރުން ނާރުގެ ބަލިތަކަށް ޚާއްސަ ކްލިނިކެއް ގާއިމުކުރެވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލުގައި ގްލޮކޯމަރ ފަރުވާގެ ޚިދުމަތްވެސް ފަށާނެ ކަމަށް ސީއީއޯ ހަލީމް ވިދާޅުވިއެވެ.

މިގޮތުން އެ ޚިދުމަތްތަކާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ގޮހޮރާއި މައިބަދައިގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަންޖެހިއްޖެ ނަމަ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މިހާރު ޖެހެނީ އައިޖީއެމްއެޗްއަށް ދާން ކަމަށާއި ނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި އެ ޚިދުމަތް ފަށާނެ ކަމަށް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ސީއީއޯ ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ ކެންސަރު ބަލީގެ ފަރުވާގެ ޚިދުމަތްތައްވެސް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ލޭގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ ގޯލްޑް ސްޓޭންޑާޑުގެ ޓެސްޓުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ސީއީއޯ ވަނީ ވިދާޅުވެފައެވެ. އެ ޚިދުމަތްތައް ފެށުމުން އެޗްއައިވީ ފަދަ ޓެސްޓުތަކުގެ ނަތީޖާ އަވަސްވާނެކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.