މެއި މަހާ އަޅާބަލާއިރު، މި އަހަރު ޖޫން މަހު ޑެންގީހުން ޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު ވަނީ މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ މޭ މަހު ވަނީ ޑެންގޫގެ 794 ކޭހެއް ރިޕޯޓު ކޮށްފައެވެ. މިއީ ކުރީ އަހަރުގެ މޭ މަހާ އަޅާ ބަލާ އިރު 358.96 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ ޖޫން މަހު 652 ކޭސް ރިޕޯޓުކޮށްފައިވާ އިރު މިއީ ކުރީއަހަރުގެ މި މުއްދަތާ އަޅާބަލާއިރު 288.10 އިންސައްތައިގެ އިތުރު ވުމެކެވެ.
އެޗްޕީއޭއިން ވަނީ ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތެރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެކަން ފާހަގަކޮށްފައެވެ. އެ ގޮތުން ޑެންގީ އިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި:
މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން.
- ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން. މިފަދަ ތަކެތީގައި ފެން ހަރުލުމުން ޑެންގީ ފަތުރާ މަދިތި އާލާވުމަށް މަގުފަހިވެގެން ދެއެވެ.
ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ
އަރާމު ކުރުން. މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރުމުންވެސް ރައްކާތެރި ކޮށްދެއެވެ.
- ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން
- ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ސޫޕް ފަދަ ތަކެތި ހިމެނެއެވެ.
- ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުށަހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެއެވެ. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.