ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހޯދަމުންދަނިކޮށް، އެ މީހާ ހޮނޑާފުށީ ގޮނޑުދޮށުން ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ފަތިހު 04:05 ހާއިރު ކަމަށާއި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ގެއްލުނު މީހާ ފެނިފައި ވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ަައަދި އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ފަރުވާ ދިނުމަށްފަހު އޭނަގެ ހާލު ރަނގަޅު ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި މީހާ ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދިން ފުރިހަމަ އެއްބާރުލުން ފާހަގަކޮށް އެމްއެންޑީއެފުން ވަނީ ޝުކުރުއަދާކޮށްފައެވެ.