އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފިޔަވަޅުއަޅާއިރު ޤަބޫލުކުރެވޭ ހަމަހަމަ އުސޫލެއް ގެންގުޅުން މުހިންމު ކަމަށް އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގައެެވެ.

އެ ބަސްދީގަތުމުގައި ހަސަން ޒަކަރިއްޔާ ވިދާޅުވީ އީސީން ޕާޓީތަކާއެކު ކުރިއަށްގެންދާ ބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ޕާޓީތަކަށް ފިޔަވަޅު އެޅުމުގައި ގެންގުޅޭ އުސޫލު ހަރުދަނާ ކުރުމަށް ކަމަށެވެ.

އަދި ޕާޓީތަކަށް ފިޔަވަޅުއެޅުމުގައި ޕާޓީތަކަށް ޤަބޫލުކުރެވޭ ހަމަހަމަ އުސޫލެއް ގެންގުޅުމަކީ މުހިންމުކަމެއްކަމަށް އެ ކޮމިޝަނުން ޤަބޫލުކުރާ ކަމަށްވެސް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީތަކާއި މަޝްވަރާކޮށްގެން އެ އުސޫލު ހަރުދަނާކުރުމަކީ ކޮމިޝަންގެ ވިސްނުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ފަށާފައި މި ވަނީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުގައިކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ ފާއިތުވި 2 ހަފްތާއެއްހާ ދުވަހު ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ބައްދަލުވުންތައްކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ މި ބައްދަލުވުންތައް ފުރަތަމަ މިގެންދަނީ ވަކިވަކިން ކަމަށާއި ބަދަލުގެންނަން ،މަޝްވަރާކުރަން ޖެހޭ ކަންކަމުގައި ހުރިހާ އެންމެންނާއެކު މަޝްވަރާކުރާނެ ކަމަށެވެ.

މިގޮތުން އާއްމުން ވެސް ބޭނުންވާ ބަދަލެއް ވާނަމަ ލީޑަރޝިޕާއި ހަމައަށް ގެންނަންވީ ކަމަށާއި އާއްމުންގެ ޚިޔާލު ޕާޓީ މެދުވެރިކޮށް އީސީއާ ހަމައަށް ގެނައުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ދާނަމަ އަންނަ އޮގަސްޓްމަހުގެ ކުރީކޮޅާއި ހިސާބަށް ހުރިހާ ސިޔާސީ ޕާޓީއަކާއި ވަކިވަކިން ބައްދަލުކުރެވޭނެ ކަމަށާއި އެހާ ހިސާބުން ހުރިހާ ޕާޓީތައް އެކުވެގެން މަޝްވަރާތައް ފެށޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.

އެ ބައްދަލުވުންތަކުގައި ޕާޓީތަކަށް ދިމާވާ ދަތިތަކާއި، ކަންކަން ވިލަރެސްކުރުމުގައި ޕާޓީތަކަށް ފަސޭހަވާނެ ގޮތަށް އުސޫލަށް އިސްލާޙު ގެނައުމާއި މެދު ޕާޓީތަކާއެކު މަޝްވަރާކުރާ ކަމަށާއި އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު މިހާތަނަށް އެ ކޮމިޝަނުން ބައްދަލުކޮށްފައިވާ ދެ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ކަމަށް ހަސަން ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.