ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި 1-0 އިން އާޖެންޓީނާ ބަލިކޮށް، ސްޕެއިނުން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މިއީ ސްޕެއިނުން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެ ޓީމުން މީގެކުރިން މުބާރާތް ކާމިޔާބުކުރީ 2010 ވަނަ އަހަރު، ފައިނަލްގައި ނެދަލެންޑްސް ބަލިކޮށްގެންނެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ސްޕެއިނުން މުޅި މެޗު ޑޮމިނޭޓްކޮށްގެން ރަނގަޅު ހަމަލާތަކެއް އުފެއްދި އިރު، 90 މިނެޓު ތެރޭގައި އާޖެންޓީނާއަށް ގޯލަށް އެންމެ ބޯޅައެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.
ސްޕެއިނުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މުޅި މެޗުގައި ޑިފެންސް ކުރަމުންދިޔަ އާޖެންޓީނާ އިތުރު ވަގުތާ ހަމައަށް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ އެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އަށް ވަނީ ދެވެނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފަ އެވެ. ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކި އިރު، ދެވަނަ ރީނދޫ ކާޑު ދެއްކީ ސްޕެއިންގެ ޑިފެންޑަރު ޕައު ކުބާސީއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
އިތުރު ވަގުުތުގެ ފުރަތަަމަ ހާފުގައި ސްޕެއިންގެ ނިކޯ ވިލިއަމްސް ލަނޑެއް ޖެހި ނަމަވެސް، އޭގެ ކުރިން އެ ޓީމުގެ މިކޭލް މެރީނޯ އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީއަށް ފައުލްކޮށްފައި ވުމުން އެ ލަނޑު ބަލައިނުގަތެވެ.
ސްޕެއިނުން ޗެމްޕިއަންކަން ހޯދީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ފެރާން ޓޮރޭޒް ޖެހި ލަނޑުންނެވެ. އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ހުރަހަކުން ވިލިއަމްސް ބޮލުން ޖައްސާލި ބޯޅަ ފެރާން ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މި ލަނޑާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ ފެރާން އެވެ.
ސްޕެއިނުން ލަނޑު ޖެހުމާއެކު އާޖެންޓީނާއިން ކުރިއަށްޖެހިގެން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، ބާކީ އޮތް ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެކަން ކާމިޔާބެއް ނުވި އެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕްގެ ތަށި އުފުލާލި އިރު، އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. މިއާއެކު ސްޕެއިން ވެފައިވަނީ އެންމެ މަދުން ބައިކޮޅަށް ގޯލު ވަދެގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށެވެ.
މިއަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދީ އިންގްލެންޑުންނެވެ. އަދި ފެއާ ޕްލޭ ޓީމަކީ ނެދަލެންޑްސް އެވެ.