ވޯލްޑްކަޕް ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭ ފައިނަލް މެޗާއި ގުޅިގެން ފުލުހުން ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭކަމަށެވެ.
އަދި އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެކަމަށާއި އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަށް ވަނީ އެދިފައެވެ.
ފައިނަލް މެޗާއި ދިމާކޮށް ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވާއިރު ސެމީ ފައިނަލުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗާ ދިމާކޮށްވެސް ފުލުހުން ވަނީ މިފަދައިން އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ގިނަ ބަޔެއްގެ އިތުރުން ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ބަޔަކުވެސް އާޖެންޓީނާ އަށް ސަޕޯޓްކުރެއެވެ. އެހެންވެ އާޖެންޓީނާ ކުޅޭ މެޗުތަކާއި ދިމާކޮށް އުފާފާޅުކުރުމުގެ ހަރަކާތްތައް މާލޭގައި އިތުރުކަމަށް ފާހަގަކުރެވެއެވެ.