ފްރާންސް ބަލިކޮށް އިންގްލެންޑުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.

މުބާރާތުގެ ތިން ވަނަ ހޮވުމަށް ރޭ ކުޅުނު މެޗުގައި ވަނީ 10 ލަނޑު ފެނިގެންގޮސްފަ އެވެ. މި މެޗުގައި އިންގްލެންޑުން ފްރާންސްގެ މައްޗަށް ކުރިހޯދީ 6-4 ގެ ނަތީޖާއަކުންނެވެ.
މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު އިންގްލެންޑުން ނިންމާލީ ހަތަރު ލަނޑުގެ ލީޑަކާއެކު އެވެ. އެގޮތުން ޑެކްލަން ރައިސް އާއި އެޒްރީ ކޮންސާ ފުރަތަމަ ދެ ލަނޑު ޖަހައިދިން އިރު، އަނެއް ދެ ލަނޑު ޖެހީ ބުކާޔޯ ސަކާ އެވެ.
ދެވަނަ ހާފުގައި ކީލިއަން އެމްބާޕޭގެ ދެ ލަނޑާއި ބްރެޑްލީ ބާކޯލާ ޖެހި ލަނޑުން ފްރާންސުން ވަނީ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު މެޗުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ސަކާ ވަނީ ހެޓްރިކް ހަދައި، އިންގްލެންޑަށް ލީޑު ފުޅާކޮށްދީފަ އެވެ.
އޭގެފަހުން މެޗުގެ އިތުރު ވަގުތުގައި ފްރާންސްގެ އޮސްމާން ޑެމްބެލޭ ލަނޑެއް ޖެހި ނަމަވެސް، މެޗު ނިމުމުގެ ކުރިން ޖޫޑް ބެލިންހަމް ވަނީ އިންގްލެންޑަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. މިއީ ބެލިންހަމް މިފަހަރުގެ މުބާރާތުގައި ޖެހި ހަތް ވަނަ ލަނޑެވެ. މިއާއެކު އޭނާ ވަނީ އެއް ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.
މި މެޗުން ބަލިވެ ފްރާންސަށް ހުސް އަތާ މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް، އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު މުގުރާލާފަ އެވެ. ރޭ ޖެހި ދެ ލަނޑާއެކު، 22 ލަނޑު ހަމަކޮށް އެމްބާޕޭ މި ރެކޯޑު މުގުރާލީ، 21 ލަނޑު ޖަހާފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު އެވެ.
މިރޭ ކުޅޭ ވޯލްޑް ކަޕްގެ ފައިނަލްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ސްޕެއިން އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 00:00 ގަ އެވެ.