ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ޖުމްލަ 228 މައްސަލައެއް ބަލައިގެންފައިވާކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫން މަހު އެއޮފީހަށް ބަލައިގަތް މައްސަލަތަކުގެ އަދަދު އޭގެ ކުރީ މަހާއި އަޅާބަލާއިރު ވަނީ، 59.4 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ޖޫން މަހު 228 މައްސަލަ ބަލައިގަނެފައިވާއިރު، މެއި މަހު ޕީޖީން ބަލައިގަނެފައިވަނީ 143 މައްސަލައެވެ. މީގެ އިތުރުން، ކޯޓުތަކުގައި ކުރިއަށްދިޔަ ޝަރީއަތްތަކަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވި މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މެއި މަހު 1150 އަޑުއެހުމަކަށް ހާޒިރުވެފައިވާއިރު، ޖޫން މަހު އެ އަދަދު ވަނީ 1207 އަށް އަރާފައެވެ.

ޕީޖީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެންމެ ބޮޑަށް އިތުރުވެފައިވަނީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަހުގީގީ އިދާރާތަކަށް މައްސަލަތަކުގައި ލަފާދިން މިންވަރެވެ. އެގޮތުން މެއި މަހު 447 މައްސަލައެއްގައި ލަފާދީފައިވާއިރު، ޖޫން މަހު 683 މައްސަލައެއްގައި ޕީޖީ އޮފީހުން ވަނީ ލަފާދީފައެވެ. މިއީ ގާތްގަނޑަކަށް 52.7 އިންސައްތައިގެ އިތުރުވުމެކެވެ.

މިއާއެކު ޕީޖީ އޮފީހުން ދައުވާކުރަން ނިންމައި މިދިޔަ މަހު ކޯޓަށް 265 މައްސަލަ ހުށަހަޅާފައެވެ. ޕީޖީ އޮފީހުން މެއި މަހު ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ، 263 މައްސަލަ ކަމަށް ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ދައުވާކުރާ މައްސަލަތައް އިތުރުވިއިރު އެ އޮފީހުން ދައުވާތަކުގައި ކޯޓަށް ހާޒިރުވި މިންވަރުވެސް އޭގެ ކުރީ މަހާއި އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. އެހެންކަމުން މެއި މަހު 1150 މައްސަލައިގެ އަޑު އެހުމަށް ޕީޖީ އޮފީހުން ހާޒިރުވެފައިވާއިރު، ޖޫން މަހު 1207 މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް އެއޮފީހުން ވަނީ ހާޒިރުވެފައެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ބައެއް ބާވަތުގެ މައްސަލަތަކުގައި ތަހުގީގު އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮސެކިއުޝަން ޓީމުތަކެއް އެކުލަވާލާފައިވާކަމަށް ވެސް ޕީޖީން ވަނީ ބުނެފައެވެ.