ޑޮލަރުގެއަގު ތިރިކުރުމުގެ ނަމުގަ އުމްރާނީ ތަރައްޤީގެ މަސައްކަތް ހުއްޓާކަށް ނުޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވީ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިވަގުތު ހިންގަމުންދާ އުމްރާނީ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް ވަގުތީ ގޮތުން ހުއްޓާލަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެނެވެ.
މޫސާ ވިދާޅުވީ، ނަމަވެސް ބޭކާރު ޚަރަދު ކުރުން ހުއްޓުވުމާއެކު ދަވްލަތުގެ މާލީ ނިޒާމް ހަރުދަނާކޮށް ވިޔަފާރިތަށް ހިނގަމުންދަނީ ޤާނޫނީ އިމުގެ ތެރޭންތޯބަލަން ޖެހޭ ކަމަށެވެ. އަދި އިމޕޯޓްކުރުމުގާ ސަރުކާރާއި ވިޔަފާރިވެރިން އެއްމަގަކަށް މަސައްކަތް ކުރުމަށް ޗޭމްބަރ އޮފްކޮމަރސް އަލުން ހަރަކާތްތެރި ކޮށް ދަވްލަތުގެ މާލީ ކަންކަމުގާ ސިޔާސީ މަދުބައެއްގެ ވިސްނުމަށްވުރެ ޒަމާންވީ ވިޔަފާރިތަކުގާ ޓެކްސް ދައްކަން ތިބޭބައެއްގެ ބަސްއަހަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ހިލޭބޭސްފަރުވާ ކޮށްދޭ ބަޖެޓުގެ 80 އިންސައްތަ ކޮންމެއަހަރަކު އަވައްޓެރި ޤައުމުތަކަށް ހޭދަކުރާ ސިޔާސީ ވިސްނުމަށްވުރެ ޑަކްޓަރުންނާއި ޓެސްޓުތަށް ކުރާއާލާތް ރާއްޖެ ގެނެސް ބިންބޮޑެތި ރަށް ރަށުގާ ހަސްފަތާލު ތަރައްޤީ ކޮށްގެން ބޭރުފައިސާ ސަލާމަތްކުރަން ދަންނަ ސިޔާސަތު އެނގޭނެ ވެރިން ޤައުމަށް ލާންޖެހޭ ކަމަށް މޫސާ ވިދާޅުވިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ދިވެހިން ފިޔަވާ ބޭރުބަޔަކު ކުރިޔަނުދޭން ޖެހޭ ކަމަށާއި ބޭރުމީހުނަށް ރާއްޖޭގާކުރެވޭ ވިޔަފާރިތަށް ކުރިންވެސް އޮތްގޮތަށް ބޭރުފައިސާގެ ހެޔޮވަރުއަދަދަކުން ރާއްޖެގެނެސް ސެނޓްރަލް ބޭންކުގައި ޑިޕޮސިޓްކުރާންޖެހޭ އޭނާ ވިދާޅުވިއެވެ.
ދިވެއްސެއްގެ ނަން ބޭނުންކޮށްގެން ބޭރުގެ އެއްވެސް ފަރާތަކުން ވިޔަފަރި ކުރާނަމަ އެކަން ދެނެގަނެވޭނެ އަދި ފިޔަވަޅުއޅާނެ ޤާނޫނީ ނިޒާމް ހިންގާންޖެހޭން ކަން ފާހަގަކުރައްވާ މޫސާ ވިދާޅުވީ، އިޤްތިސާދު ދެމެހެއްޓުމުގައި އެނބުރޭވަހުތާނެއްހެން ފިކުރުގެނގުޅޭ ސިޔާސީ ވެރިންނަށްވުރެ ޤައުމުއިސްކުރާބަޔަކު ތިބެގެންނޫނީ ޑޮލަރުގެ އަގެއް ތިރިއެއް ނުވާނެ ކަމަށް މޫސާ ވިދާޅުވިއެވެ.