މިދިޔަ ހަފުތާގައި އަލިފާނުގެ 12 ހާދިސާ ހިނގި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފުން އެކްސްގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފުތާ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 23 ހާދިސާއަކަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް، އެފްއާރްއެސް އިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތައް ކަމަށް ވީ އިރު، އަލިފާނުގެ 12 ހާދިސާއެއް ހިނގާފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.
މީގެ އިތުރުން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ހާދިސާތަޖކަށް ބަލާލާއިރު، ބަލި މީހުން އުފުލުމަށް ކުރިއަށްގެންދިޔަ މެޑިކަލް އިވޭކިއުއޭޝަންގެ 4 ހާދިސާއަކާއި، ނުރައްކާތެރި މާއްދާއެއް އެކުލެވޭ (ހެޒްމަތް) 1 ހާދިސާގެ އިތުރުން 1 ރެސްކިއު އޮޕަރޭޝަން ގައި އެފްއާރްއެސްއިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެހެނިހެން ބާވަތުގެ 1 ހާދިސާވެސް މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަމަށާއި، ޖުމުލަ 23 ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޖުމުލަ 16 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވެއެވެ.
ހަމަމިއާއެކު، ސެންޓްރަލް އޭރިއާ ކޮމާންޑާއި ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދަކުން 3 ހާދިސާއެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނޯދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވަނީ 1 ހާދިސާގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކުއްލި ނުރައްކަލުގެ މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަންނަނީ ހުއްޓުމެއް ނެތި ރެޔާއި ދުވާލު ހަރަކާތްތެރިވަމުން ކަމަށް އެ މުއައްސަސާއިން ބުނެ އެވެ.