ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމިފައިވަނިކޮށް، ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމުގައި އެ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައިފިއެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީ މީޑިއާއަކަށް ވިދާޅުވި ގޮތުގައި، އެ ހަމަނުޖެހުމުގެ ތެރެއިން ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ ޕީއެންސީން ނަގައި، ލިބުނު ގެއްލުންތަކަށް ބަދަލު ދިނުމަށް ވަނީ އެއްބަސްވެފައިއެވެ. އެގޮތުން ގެއްލުން ލިބުނު ތަންތަން މަރާމާތުކުރުމަށް މިހާރު އެއްބަސްވެ ވާހަކަވެސް ދެކެވިފައިވާ ކަމަށް ފަތުޙީ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ ރޭގެ އެ ހަމަނުޖެހުުގެ ތެރެއިން ސްކޫލުގެ އެއް ދޮރުފަތުގެ ބިއްލޫރިގަނޑާއި އަދި ސައުންޑް ސިސްޓަމްގެ މިކްސަރުގެ ދެ ބަޓަނަށް ވަނީ ގެއްލުންވެފައިއެވެ.
ހަމަނުޖެހުމުގެ ތެރެއިން ޕީއެންސީގެ އުމުރުން ދުވަސްވީ މެންބަރަކަށް ޕެނިކް އެޓޭކެއް ޖެހިފައިވާއިރު، އިތުރު ގިނަ މެންބަރުންތަކަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނަށް ހުރަސްއަޅައި، ފުލުހުންގެ ގަޔަށް އަތްލައި ކޮށްޕާ ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މި މަސައްލައާ ގުޅިގެން މިހާތަނަށް ޖުމުލަ 3 މީހުން ހައްޔަރުކޮށްފައިވާއިރު ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލްގައެވެ. ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާ ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލައި ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ވީޑިއޯއިން ފެންނަ އިރު، އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދޭތަން ފެނެ އެވެ.