ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 5،069 އަށް އަރައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ އެ ގައުމުގެ ގައުމީ މަޖިލީހުގެ ރައީސް ހޯހޭ ރޮޑްރިގޭޒް އެވެ.

ރޮޑްރިގޭޒްގެ ޓެލެގްރާމް ޗެނަލްގައި ހާމަކުރެއްވި ރަސްމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، މި ހާދިސާގައި 16،740 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، 17،907 މީހަކު ވަނީ ގެދޮރުގެއްލި މަގުމަތިވެފައެވެ.

އަދި އެ ބިންހެލުމުގެ ސަބަބުން 190 އިމާރާތެއް މުޅިން ސުންނާފަތިވެ، 856 އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެ ހާދިސާއާ ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަންތަކުގައި 6،462 މީހަކު ސަލާމަތްކުރެވިފައިވާއިރު، 36،951 މީހަކަށް ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި ފަރުވާ ދީފައިވާކަމަށް އެ ރިޕޯޓުތަކުން ދައްކައެވެ.

މީގެ އިތުރުން، އެ ހާދިސާގެ އަސަރުކުރި 128،324 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، 21،235 މީހަކު 107 ވަގުތީ ކޭމްޕެއްގައި މިހާރު ދަނީ ދިރިއުޅެމުންނެވެ.

އަދި އެ ރިޕޯޓުތަކުން ދައްކާގޮތުގައި އެ ހާދިސާގެ އަސަރުކުރި މީހުންނަށް 10،063 ޓަނުގެ ކާބޯތަކެތި ވަނީ ބަހާފައެވެ.

މި ބިންހެލުން ވެނެޒުއޭލާއަށް އައީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ގާތްގަނޑަކަށް 40 ސިކުންތުގެ ތަފާތުގައި 7.2 އަދި 7.5 މެގްނިޓިއުޑްގެ ދެ ބިންހެލުމެއް އައިސްފައިވެެއެވެ.

މި ބިންހެލުންތައް ރެކޯޑުކުރި މަރުކަޒު ހުރީ ވެނެޒުއޭލާގެ ޔަރަކުއެޔް ސްޓޭޓްގެ 10 ކިލޯމީޓަރު ދުރުގައެވެ. އަދި އޭގެ ފަހުން 1،330 އަށް ވުރެ ގިނަ އާފްޓާ ޝޮކް (ބިންހެލުމަށް ފަހު އައި ކުދި ބިންހެލުންތައް) ރެކޯޑް ކުރެވިފައިވެއެވެ.