ޑޮލަރުގެ އަގު ތިރި ވަންދެން މިސަރުކާރުގެ އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު ތިރި ނުވަނީސް، ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވާ އެއްވެސް ހަރަދެއް ކުރުން ރަނގަޅު ނޫން ކަމަށެވެ.

މީގެ އިތުރުން، ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓުތައް ރަށު ކައުންސިލާއި ހަވާލު ކުރުން ރަނގަޅުވާނެ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ކައުންސިލް ތަކުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކައިގެން ޕްރޮޖެކްޓުތަކުގެ މަސައްކަތް ނިންމިދާނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ، (އެމްޑީޕީ) އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ދެ އަހަރާ ބައިގެ ތެރޭ މިސަރުކާރުން ބޭރުން ޑޮލަރު އެތެރެ ނުކުރާކަމަށާއި އެތެރޭގައި ހުރި ޑޮލަރުތައް އިސްރާފު ކުރީކަމަށެވެ.

އަމީރު ވިދާޅުވީ، ސަރުކާރުން 2026 ވަނަ އަހަރަށް އަންދާޒާ ކުރި ބަޖެޓުގައި ހިމަނާފައި އޮތީ ގާތްގަނޑަކަށް 5.4 އިންސައްތައިން ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު މެދު އިރުމަތީގެ ހަނގުރާމައާއި، ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވުމުގެ ސަބަބުން ފެނިގެން ދަނީ ރާއްޖޭގެ އިގްތިސާދު، ގައުމީ އުފެއްދުންތެރިކަން އިތުރުވެގެން ދާނީ ގާތްގަނޑަކަށް 0.7 އިންސައްތައިގަ ކަމަށް އަމީރު ވިދާޅުވިއެވެ.

އެއާއެކު ރާއްޖެ އަށް ޑޮލަރު ވަނުން ބޮޑުތަނުން ދަށަށްދާނެ ކަން ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ، އެ ކަންކަމާ އެކު ވެސް މި ސަރުކާރުން އިގްތިސާދީ ރަނގަޅު ސިޔާސަތުތަކެއް ގެންނަ ތަނެއް ނުފެންނަ ކަމަށާއި، ސަރުކާރުގެ އިސްރާފު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުން ކަމަށެވެ.

އަމީރު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ނިމިދިޔަ ސަރުކާރުގެ މާލީ ވަޒީރު އިބްރާހީމް އަމީރު ކަމަށެވެ. އެގޮތުން ރާއްޖެ މި ހާލަތަށް ވައްޓާލަފައި ވަނީ އަމީރު ވަޒީރަކަށް ހުންނަވައިގެން ކަމަށާއި، އެހެންކަމުން އަމީރަކީ އެ ވާހަކަދެއްކުމަށް ރަނގަޅު ބޭފުޅެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވަނީ އެ ކަންކަމުގެ ހައްލު ކަމަށާއި، ނަމަވެސް ސަރުކާރަށް ފާޑުވިދާޅުވާ ސިޔާސީ ވާދަވެރީންނަށް، އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަމެއް ވިދާޅުނުވެވޭ ކަމަށެވެ. އަދި އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި އެ މަސައްކަތް ކުރެވިފައިވޭތޯ ސައީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.