ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފި އެވެ.

އެ މަޝްރޫއުގެ ތެރެއިން މިހާރު ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ކަމަށް ވީ އިރު އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަހައްދެވެ.

އެމްޓިސީސީން އެކްސްގައި ކޮށްފައިވާ ޕޯސްޓޭއްގައި ބުނީ، މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ހާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަހައްދުގައި ތާރު އަޅައި، މަގުގެ ނިޝާންތައް ކުރަހައި، މަސައްކަތުގެ ބޮޑު ބައި ނިންމާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، ހާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތްތަކާއި، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި، އެ ސަރަހައްދުގައި ކުރަންޖެހޭ ބައެއް އެހެނިހެން މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އެ ކުންފުިން ބުނެއެވެ.

އެ ކުންފުނިން ބުނީ، އެ ސަރަހައްދުގައި ތަރައްގީ ކުރާ ޕާކިން ޒޯނާއި، ދުވާރު ހެދުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ސެގްމެންޓު 2 އަދި 3ގެ ނަރުދަމާގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށާއި، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައްވެސް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.