ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ޕާކިސްތާން ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެއްޖެއެވެ.
ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގައި ހިނގި ހަމަނުޖެހުމެއްގައި މަރުވީ އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހެއް ކަމަށްވީ އިރު އޭނާ މަރާލި މައްސަލާގައި، އާބިދުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ.
ބަންގްލަދޭޝް މީހާއަށް އާބިދު ހަމަލާދީ މަރާލީ އޭނާގެ ބޮލަށާއި މެޔަށް ހަމަލާދީގެން ކަމަށް ދައުވާގައި ބުނެފައިވެ. އެ ކުށް ސާބިތުވެއްޖެ ނަމަ، މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށްވެސް ދައުލަތުން ބުނެފައިވެ އެވެ.
އާބިދު ވަނީ ޝަރީއަތުގައި ދައުވާއަށް އިންކާރުކޮށް، ވަޅިން ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި ހަމަލާދެވުނުއިރު އެ ބޭނުން ކުރެވުނީ ވަޅިއެއްކަން އާބިދަށް ނޭނގޭ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީގައި އާބިދުގެ ބޮލުގައި ބަންގްލަދޭޝް މީހާ ޖެހުމުން އާބިދު ހުރީ ބޯ ބުރާންތިވެފައި ކަމަށްވެސް އާބިދު ބުނެފައިވެ އެވެ.
މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވަނީ، ގަސްދެއް ނެތް ކަމަށް އާބިދު ބުންޏަސް އޭނާ ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއް ކަން ތަސައްވުރު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ހަމަލާދީފައިވަނީ ރުޅިވެރިކަމާ އެކު ވަޅިއަކުން ކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ގާޒީ ވިދާޅުވީ ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށް އާބިދު ބުނާ ވާހަކައަކީ އޭނާ އަމިއްލައަށް އުފަންކުރުވި ވާހަކަތަކެއް ކަމަށް ހެކިންގެ ހެކިބަހާއި ހާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ބުރަވެވޭ ކަމަށެވެ.
އެހެން ކަމުން، އާބިދުގެ މައްޗަށް ގަސްދު މަރުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅައިފައިވާ އިރު، މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހު އާބިދުގެ މައްޗަށް އަދަބު ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.
އާބިދުގެ މައްޗަށް މަރަށް މަރު ހިފުމުގެ އަދަބު އިއްވާނީ ވާރިސުން އެގޮތަށް ބޭނުންވާ ނަމަ އެވެ. ނޫން ނަމަ، އޭނާގެ މައްޗަށް އަންނާނީ ޖަލު ހުކުމާއި މަރުގެ ދިޔައިގެ އަދަބެވެ.