މި ސަރުކާރު އައި ފަހުން 99 ކަނދުފަތި ގާއިމްކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޖުލައި 14 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މި ސަރުކާރުން ކަނދުފަތި ގާއިމްކުރުމުގެ ރިކޯޑެއް ހަދާފައިވާ ކަމަށެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ވަދު ކަނދުފައްޗަށް އޮތް ޑިމާންޑު އަދިވެސް ވަރަށް ބޮޑު ކަމަށާއި، ވަރަށް ބައިވަރު ވަދު ކަނދުފަތި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ވަދު ކަނދުފަތީގެ ވިއުގައެއް ގާއިމް ކުރަމުންދާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު އެކަނި އަޅުގަނޑުމެން 44 ވަދު ކަނދުފަތި ގާއިމް ކޮށްފި، އަޅުގަނޑުމެން ސަރުކާރަށް އައި ފަހުން، 99 ކަނދުފަތި ގާއިމް ކޮށްދީފި. ވަދު ކަނދުފަތީގެ ވިއުގައެއް އަޅުގަނޑުމެން އެބަ ގާއިމް ކުރަން"

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ވަޒީރު ޝިޔާމް ވިދާޅުވީ ކަނދުފަތީގެ ވިއުގަ ގާއިމް ކުރެވުމަށް ފަހު ރާއްޖޭގެ ހުރިހާ ރަށެއް ކަވަރުވެގެން ދާނެ ކަމަށެވެ. އަދި މިހާރު ބާކީ ގާއިމް ކުރަން އުޅޭނީ 22 އަކަށް ކަނދުފަތި ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވި އެވެ.

ވަޒީރު ވަނީ، ވަދު ކަނދުފަތިވެސް ކަނދުފަތިވެސް ވަރަށް ގިނައިން ކެނޑޭ ކަން ފާހަގަކުރައްވާ އެކަމަށްވެސް ހައްލުތަކެއް ހޯދަން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކަނދުފަތި ކަނޑައިގެން ދިއުމަށްވެސް ހައްލުތަކެއް ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ފަށައިފިން، އަޅުގަނޑުމެން ސަރުކާރަށް އައިތަނާހެން އަޅުގަނޑުމެން އެފްއޭއޯ އެކީގައި މަސައްކަތްތަކެއް ފަށައިފިން، ރޯމްގައި އަޅުގަނޑުމެން އެ މަސައްކަތް ފެށީ"

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ވަރީރު ޝިޔާމް އިތުރަށް ވިދާޅުވީ އެ ބަދަލާ އެކު މި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ފުރަތަމަ ކަނދުފަތި، އައު ފަރުމައާއި އެކީގައި ޑިޕްލޯއި ކުރާނެ ކަމަށެވެ.

ހަމަމިއާއެކު ކަނދުފަތި އަވަސް އަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.