ބަލި ބޮޑުނުވެ، ބަލިން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް ވެކްސިން ޖަހަން ޖެހޭ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓެންޓް ފެމިލީ މެޑިސިން އެސިސްޓް މެޑިކަލް ޑިރެކްޓާ ޑރ. އިބްރާހިމް އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިފަދައިން ވިދާޅުވީ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި، މިވަގުތު މާލެ ސަރަހައްދުގައި މީސަލްގެ ކޭސްތައް ފެންނަމުން ދާތީ އެކަމަށް ހޭލުންތެރި ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުނެވެ.

ޑރ. އިޔާޒް ވިދާޅުވީ، އަބަދުވެސް ވެކްސިން ޖަހަމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ވެކްސިންގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރިކަން ލިބެމުންދާކަން ގިނަ ބަޔަކު ގަބޫލު ކުރާކަމަށް އިޔާޒް ފާހަގަކުރެއްވިއެވެ.

" ކޮންމެ ކަމެއްގަ ވެސް އޭގަ ސުވާލު އުފައްދާ ބަޔަކު އުޅޭނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް މަދު ނޫން ކޮށްވެސް އެބަ ފާހަގަ ކުރެވޭ ވެކްސިން ޖެހުމާ ދުރުވާ ބޭފުޅުން އުޅޭކަން. އަދި އޭގެ ސަބަބުން މި ބުނަނީ އެއްކަލަ ވެކްސިން ނުޖެހިޔަސް އަހަރުމެން ރަނގަޅޭ ނުވަތަ ވެކްސިން ޖަހާކަށް ބޭނުމެއް ނެތޭ "

ޑރ. އިބްރާހިމް އިޔާޒް

ޑރ. އިޔާޒް ވިދާޅުވީ، ވެކްސިން ޖެހުމާ ދެކޮޅުހެދުމުގެ ސަބަބުން ބަލިތަށް ފެތުރުން އިތުރުވުމާއި، ބަލި އިތުރަށް ބޮޑުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ. އަދި ވެކްސިނާ ދެކޮޅަށް ސުވާލު އުފައްދައި ވާހަކަ ދެއްކުމަކީ ހަމަ އެކަނި ދިވެހި ރާއްޖޭގައި އޮންނަ ކަމެއް ނޫން ކަމުގައި ފާހަގަކުރައްވައި އިޔާޒް ވިދާޅުވީ، ހުރިހާ ގައުމެއްގައި ވެސް ވެކްސިންއާ ދެކޮޅަށް ވަރަށް ވަރުގަދަޔަށް މަސަކަތް ކުރަމުންދާ ބަޔަކު އުޅޭ ކަމަށެވެ.

އެހެންނަމަވެސް އިންޓަނޭޝަނަލް ލެވެލްއިން ފެށިގެން ގްރައުންޑު ލެވެލްއާ ހަމަޔަށް ވެސް ވެކްސިންއަކީ ރައްކާތެރި އެއްޗެއް ކަމަށް ޑޮކްޓަރުން ބުނަމުންދާ ކަމަށާއި، ވެކްސިންގެ ސަބަބުން މީހާޔަށް އިތުރު ރައްކާތެރި ކަމެއް ލިބިގެންދާނެ ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އިޔާޒް ވަނީ، ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެކްސިންޖެހުމާ ދެކޮޅު ހަދަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިޔާޒް ވިދާޅުވީ، ވެކްސިން ނުޖެހުމުގެ ސަބަބުން ދާއިމީ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން، އާންމުންގެ ތެރޭގައި ބަލިތައް ފެތުރުން އިތުރު ވެގެންދިއުމުގެ ފުރުސަތު ވެސް ބޮޑުވެގެންދާ ކަމަށެވެ.

އެހެންކަމުން އިޔާޒް ވަނީ، ވެކްސިނަކީ އޭގޭ ޒާތުގައި ހުރިހާ އެންމެން ވެސް ޖެހުން މުހިންމު އެއްޗެއް ކަމުގައި ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.