ކުރިއަށް އޮތް ތިން މަސްދުވަސް ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.

ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ސޮއިކުރައްވައި ނެރުއްވި ސަރކިއުލާގައި ވަނީ، މުވައްޒަފުން މަދުކުރުމަށް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތެއް ދީފަ އެވެ.

ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރިލް މަހުގެ 18ގައި ޕީސީބީއަށް އަންގައިފައެވެ.

އެ އިރުޝާދާ ގުޅިގެން، ޕީސީބީން ވަނީ ކުންފުނިތަކުގެ އެޗްއާރު ސިޔާސަތުތައް ހަރުދަނާކޮށް، ވަޒީފާ ދިނުމުގެ ސިޔާސަތުތައް އެކުލަވާލާފައި ވަނީ މެރިޓް ބޭސިސް ނުވަތަ ތައުލީމާއި ތަޖުރިބާއަށް އިސްކަންދީގެން އެންމެ އެކަށީގެންވާ މީހުން ހޮވޭނެ ގޮތަށްކަން ކަށަވަރު ކުރުމަށާއި، ކުންފުނީގެ ވަޒީފާ ދިނުމުގައި އަމަލުކުރަނީ އެގޮތަށްކަން ކަށަވަރުކުރުމަށް ރެކްރޫޓުމެންޓާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް ކުންފުނިތަކަށް އަންގާފައެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު މަދުކުރުމަށް ބައެއް ފިޔަވަޅުތައް މިހާރު ވެސް އަޅާފައިވެއެވެ. އެގޮތުން އެޗްޑީސީއާއި، ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.