މޯލްޑިވްސް ކަސްޓަމްސްގެ އެންފޯސްމެންޓްގައި މިހާރަށްވުރެ ބޮޑަށް ޓެކްނޮލަޖީ އެންބެޑްކުރެވިގެން، ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ބޮޑަށް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ މިއަދަށްވުރެ ފުރިހަމައަށް އަދާކުރުމަށް ކަސްޓަމްސްއިން ކަމަރު ބަންނާނެ ކަމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން މިހެން ވިދާޅުވީ، ކަސްޓަމްސް ސާވިސްގެ 136 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.

ދިވެހި ރާއްޖޭގެ ކަސްޓަމްއަކީ ދައުލަތުގެ އެންމެ ދިގު ތާރީހެއް އޮތް އެއް މުއައްސަސާ ކަން ފާހަގަކޮށް އިހުސާން ވިދާޅުވީ އެ މުއައްސަސާއިން ކުރަމުން ގެންދަނީ ގައުމީ ސަލާމަތާއި ބެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ވަކިން ހާއްސަކޮށް ދިވެހި ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި އޭގެތެރެއިން ވިޔަފާރިތަކަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމްކޮށްދިނުމުގެ އިތުރުން، ދިވެހި ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެ މުއައްސަސާގެ މުވައްޒަފުން އިހްލާސްތެރިކަމާއެކު އަދާކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް މި ސަރުކާރު އައި ފަހުން ދިވެހިރާއްޖޭގެ ބޯޑަރުން ޑްރަގްސް އަތުލުމާއި ގާނޫނީ ގޮތުން މަނާކޮށްފައިވާ ރައްޔިތުންގެ ގެއްލުންދެނެވި ވޭޕްފަދަ ތަކެތި މަނާކޮށްފައިވާ ހިދުގައި އެ އެއްޗިހިތައް ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ފުރިހަމަ ކާމިޔާބީތަކެއް މިދިޔަ ދެ އަހަރާއި ބައިގައި ދިވެހިރާއްޖޭގެ ސަރުކާރުގެ ގައިޑެންސްއާއިއެކުގައި ކަސްޓަމްސްގެ މުވައްޒަފުން ވަނީ ފުރިހަމައަށް މަސައްކަތް ތަންފީޒުކޮށްފައި

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން

ވަޒީރު އިހްސާން ވިދާޅުވީ ކުރިއަށް އޮތްތނުގައި ވެސް ދިވެހި ރައްޔިތުންގެ ހައްގުގައި އެފަދަ އަގުހުރި މަސައްކަތްތައް ކަސްޓަމްސްގެ އޮފިސަރުން ކުރަމުންގެންދާނެ ކަމާމެދު ޝައްކެތް ނެތް ކަމަށާއި، ދިވެހި ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް މުސްތަގުބަލުގައި ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެގެންދާނީ ޑިޖިޓަލައިޒް ކުރެވިގެން ކަމަށާއި، އެއާއެކު މިހާރަށްވުރެ ފަސޭހަކޮށް ޑިޖިޓަލް އެންވަޔަރަމެންޓްގައި ރައްޔިތުންނަށް ކަސްޓަމްސްގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.