ސްކޫލު ބަންދުގައި ދަތުރު ކުރާއިރު ބަލިތަކުން ރައްކާތެރިވުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓެންޓް ފެމިލީ މެޑިސިން އެސިސްޓް މެޑިކަލް ޑިރެކްޓާ ޑރ. އިބްރާހިމް އިޔާޒް އިލްތިމާސްކުރައްވައިފިއެވެ.
ޑރ. އިބްރާހިމް އިޔާޒް މިފަދައިން ވިދާޅުވީ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި، މިވަގުތު މާލެ ސަރަހައްދުގައި މީސަލްގެ ކޭސްތައް ފެންނަމުން ދާތީ އެކަމަށް ހޭލުންތެރި ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުނެވެ.
އެގޮތުން އިޔާޒް ވިދާޅުވީ ދަތުރުފަތުރު ކުރާއިރު އާންމުކޮށް ދިރިއުޅޭތަން ނޫން އެހެން ތާކަށް ދިގު މުއްދަތަކަށް ދާއިރު، ދަތުރު ކުރާތަނެއްގައި އެ ބަލިޖެހިފައި ތިބި ބޭފުޅުން ތިބޭނަމަ މީހުނަށް އެބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށެެވެ. އަދި އެބަލި އެމީހުންނަށް ޖެހިގެން އަނބުރާ މާލެއަށާއި އެހެން ތަންތަނަށް އަންނަ އިރު އެބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑު ވެގެންދާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން އެފަދަ ކަންކަމަށް ބަލައި، ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އިޔާޒް ފާހަގަކުރެއްވިއެވެ.
ހާއްސަކޮށް މި ދުވަސް ކޮޅު ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭންޖެހޭ ކަން ފާހަގަކުރައްވައި އިޔާޒް ވިދާޅުވީ، މީސަލްއަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެނީ މިއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވުމުން ކަމަށެވެ.
އޭގެ ސަބަބުން އެކަކު ގައިން އަނެކަކު ގަޔަށް އެ ބަލި އަވަސް އަވަހަށް ފެތުރުމަށާއި ގިނަ ބަޔަކަށް އެބަލި ޖެހުމުގެ ފުރުސަތު އާވެގެންދާ ކަން ޑރ. އިޔާޒް ފާހަގަކުރެއްވިއެވެ.
އެޗްޕީއޭއިން ބުނީ މި ވަގުތުވެސް މި ބަލީގެ 5 ކޭސްގެ އިންވެސްޓިގޭޝަން ކުރެވެމުންދާ ކަމަށާއި، މި ކޭސްތަކާ ގުޅިގެން މިހާތަނަށް 128 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.