އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

ނިއު ބަލިކޮށް މާޒިޔާއިން ޔޫތު ޗެމްޕިއަންޝިޕް ދިފާއުކޮށްފި
ނިއު ބަލިކޮށް މާޒިޔާއިން ޔޫތު ޗެމްޕިއަންޝިޕް ދިފާއުކޮށްފި

މުބާރާތުގެ ލީގު ބުުރުގައި ނިއުއާ މާޒިޔާ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ނަމަވެސް ރޭގެ ފައިނަލްގައި މާޒިޔާއިން ވަނީ 4-1 އިން ނިއުގެ މައްޗަށް ކުރިހޯދާފަ އެވެ.

މާޒިޔާއިން މިފަހަރުގެ މުބާރާތުގެ ތަށި އުފުލައިލީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. މިދިޔަ އަހަރު މާޒިޔާއިން އީގަލްސް ބަލިކޮށް ޗެމްޕިއަންކަން ހޯދި އިރު، އެ ޓީމު އެފަހަރުވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފަސް ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ.

އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގީ އައިދަން އަހްމަދު މޫސާގެ ލަނޑުންނެވެ. އޭގެފަހުން 73 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އިލާން އިމްރާން އެވެ.

ނިއުގެ ހަމައެކަނި ލަނަޑަކީ، މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަހްމަދު ހަމްދާން އަޒްލީން ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއެކު ނިއުއިން ރަނގަޅަށް ކުޅެމުން ދަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި ނައްސާހު އިބްރާހީމް ނާސިރު ވަނީ ލަނޑެއް ޖަހައި މާޒިޔާގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ ފަހު ވަގުތުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ އަލްހާން ފައިސަލް އަމީން އެވެ.

ފޮޓޯ: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

މި މެޗުގެ މޮޅު ކުޅުންތެރިޔަކީ މާޒިޔާގެ ނައްސާހު އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މާޒިޔާގެ ކެޕްޓަން އިލާން އެވެ. އަދި އެންމެ މޮޅު ކޯޗަކަށް މާޒިޔާގެ ކޯޗު އިބްރާހީމް ސައީދު (ކަކާ) ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ކެޔޮދޫ އެވެ.