ކުޅުދުއްފުށީ ސިޓީގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ކުރިއަށްގެންދާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެދިވަޑައިގެންފިއެވެ.

މޭޔަރު އާތިފް މިފަދައިން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން، 2027 އިން 2031 އެކުލަވާލުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ސޯސަޝްލަ މީޑިއާގައި ދެއްވި ހާއްސަ މެސެޖުގައެވެ.

މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

އާތިފް ވިދާޅުވީ، މި ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތުގެ ތެރެއިން ވަކި ވަކި ބައްދަލުވުންތަކެއް ރައްޔިތުންނަށް ހާއްސަކޮށް އިންތިޒާމު ކުރައްވާނެ ކަމަށެވެ.

އެގޮތުން ޒުވާނުންނަށް ހާއްސަ ބައްދަލުވުންތަކާއި، އަންހެނުންނަށް ހާއްސަ ބައްދަލުވުމާއި، ފިރިހެނުންނަށް ހާއްސަ ބައްދަލުވުމުގެ އިތުރުންން ވިޔާފާރި ކުރާ ފަރާތްތަކާއި ގޭގައި މަސަކަތް ކުރާ ފަރާތްތަކަށްތަކާ ބައްދަލުކުރުން ހިމެނޭ ކަމަށް އާތިފް ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ފަރާތަކާއެކު ބައްވާ ބައްދަލުވުމަކީ ތަފާތު ސެގަމެންޓަކަށް ތަފާތު ގޮތަކަށް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ބައްދަލުވުންތަކެއް ކަމަށް ވެސް މޭޔަރު އާތިފް ވަނީ ފާހަގަކުރައްވާފައެވެ.

" އަޅުގަންޑު އެދޭ އެންމެ ބޮޑު އެދުމަކީ އަޅުގަނޑުމެންނަށް އެބައްދަލުވުންތަކުގަ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނަވާ އަޅުގަނޑުމެންނާ ތި ބޭފުޅުންގެ ހިޔާލުތައް ހިއްސާ ކުރުން. "

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް

އާތިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ތަރައްގީގެ ޕްލޭން ބައްޓަންވެގެން ދާނީ ރައްޔިތުން އެދޭ ހިޔާލާ އެއްގޮތަށް ކައުންސިލް އިންތިހާބުގައި އެކުލަވާލައިފައިވާ މެނިފެސްޓޯއާއި އެކުގައި ކަމަށެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި އެ ސިޓީން ހުށަހަޅާފައިވާ ތިން ތަނބެއްގެ ދަށުން ގިނަ މަސަކަތްތަކެއް ހިމެނޭނެކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ، ވިޔަފާރިއަށް ފަހި ސިޓީއަކަށް ކުޅުދުއްފުށި ސިޓީ ހެދުމާއި، އެ ސިޓީގެ ކައުންސިލަކީ ރައްޔިތުންގެ ބާރު އޮންނަ ސިޓީ ކައުންސިލަކަށް ހެދުމާއެކުގައި، ކުޅުދުއްފުއްޓަކީ މީހުން ދިރިއުޅެން ފަސޭހަ ފަހި ސިޓީއަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެެވެ.

ކުޅުދުއްފުށި ސިޓީގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ރައްޔިތުންގެ ހިޔާލު ވަރަށް ބޮޑަށް ބޭނުންވާނެ ކަމުގައި އާތިފް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން، މޭޔަރު އާތިފް ވަނީ މި މަސައްކަތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލަށް ޔޫއެންޑީޕީގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާ ކުރައްވާފައެވެ.