އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އަލުން ތަރައްޤީކުރަނީ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ވަނީ އެތަންތަނުގެ ފެންވަރު މަތިކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބާއްވަންޖެހޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވާފައެވެ.
ނޭޗަރ ޕާކުތައް މަރާމާތު ކުރުމާއި، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އީ.އެސް.އެމް.ޕީ އަދި ޖީ.އާރް.އެމް އިމްޕްލިމެންޓޭޝަން ޓްރެއިނިންގ އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ މުވައްޒަފުންނާއި، ކައުންސިލްތަކާއި، ކޮންޓްރެކްޓަރުންނާއި، ޕާޓްނަރުން ވަނީ ފުރިހަމަކޮށްފައެވެ.
މި ތަމްރީނުގެ ސަބަބުން ތިމާވެއްޓާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. މަޝްރޫއުގެ ތެރެއިން ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މަސައްކަތުގެ ތެރޭގައި ދިމާވެދާނެ ޝަކުވާތައް ހުށަހަޅައި، އެކަންކަން ހައްލުކުރާނެ ނިޒާމެއް ހަރުދަނާކޮށް މަޝްރޫއުގެ ތެރޭގައި ބޭނުންކުރުން ހިމެނޭކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިމަސައްކަތުގެ ތެރެއިން 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.