ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށާއި އެކަން އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ޑރ. ޝާހު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމްއެއްގައި ސްޓޭޓް ފާމާގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުނެވެ. އެ ޕްރޮގްރާމްގައި ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށް އެ ކުންފުނިން ކުރައްވަމުންދާ މަސައްކަތްތައް ޝާހު ވަނީ ހިއްސާކުރައްވާފައެވެ.
ބޭސް ލިބުމުގައި ދަތިތައް އެބަހުރި ކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ، އެކަމަށް މުޅި ޖުމްލަ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަނެވިގެން ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.
އެގޮތުން އެ ސިސްޓަމާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވޭނެ ކަމަށާއި، ކުރިއަށް އޮތް އަހަރު ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް، ކޮލެޓީ ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރެވޭނެ ކަމަށް ވިދާޅުވެ ޝާހް ވަނީ، ހުސްނުވެ ކޮންމެ ރައްޔިތަކަށްވެސް ބޭސް ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝާހް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ ދެނެގަނެވިއްޖެނަމަ ދިގުމުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށާއި، މިހާރު ޤާއިމުކުރާ ނިޒާމުގެ ތެރެއިން އާންމުންނަށް ޚާއްސަ ޕޯޓަލެއް ޤާއިމުކޮށް، ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ލިބެން ހުރި ތަންތަން ފަސޭހަކަމާއެކު ވަގުތުން ބަލައިލެވޭނެ ކަމަށެވެ.