ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު އަހުމަދު އައްޔަންކޮށްފި އެވެ.

މުހައްމަދު އަހުމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވައިފަ އެވެ.

ޕްރައިވެޓް ސެކްޓަރުގައި މުހައްމަަދު އަހުމަދު ހިދުމަތް ކުރެއްވި ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، ސޮލަރެލް އިންޝުއަރަންސް ހިމެނެ އެވެ.

މުހައްމަދު އަހުމަދު ވަނީ އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވާސިޓީ ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ. އޭނާ ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރެއްވީ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުންނެވެ.