މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހދ. ކުމުންދޫގައި ގެތަކާއި މުއައްސަސާތަކުގެ އިތުރުން ކުލަބު ޖަމިއްޔާތައް ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކުމުންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މިއީ އެ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ބާއްވާ ހަރަކާތްތެއް ކަމަށެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގައުމީ މުނާސަބަތުތައް ފާހަގަކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުން ކަމުގައި ކުމުންދޫ ކައުންސިލުން ފާހަގަކުރެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގޭބިސީތަކުގެ ކެޓަގަރީ އާއި، މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުގެ ކެޓަގަރީވެ.

ކުމުންދޫ ކައުންސިލުން ބުނި ގޮތުގައި، ކޮންމެ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި، ފައިސާގެ އިނާމު ދޭނެ އެވެ. އެގޮތުން 1 ވަނަ ފަރާތަކަށް -/1500ރ، 2 ވަނަ ފަރާތަކަށް -/1000ރ އަދި 3 ވަނަ ފަރާތަކަށް -/500ރ ގެ ފައިސާގެ އިނާމު ލިބޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މިމަހުގެ 26، 27 އަދި 28 ގެ ނިޔަލަށް އެ ތަނެއް ދިއްލައި ޒީނަތްތެރިކުރަން ޖެހޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެެވެ.