މާލެ ސިޓީ ކައުންސިލުން ކުދީނާ ގޯޅީގައި ހުންނަ ފުޑް ބިސްޓްރޯ ކެފޭ ބަންދުކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ އެ ކެފޭގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ ތެރެއަށް ދުމާއި ވަސް އަންނާތީ، އެތަނުގެ ދުންހޮޅި ރަނގަޅު ކުރުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ ފަރާތުންގޮސް ތަކުރާރުކޮށް ނަސޭހަތްދީފައިވާ ކަމަށެވެ.

ނަމަވެސް އެތަނުގެ ދުންހޮޅީގެ މައްސަލަ ހައްލުކޮއްފައި ނުވާތީ، މިއަދު ހުކުރު ނަމާދުގަޑީގައި ފުޑް ބިސްޓްރޯއިން ކައްކާ އެއްޗެހީގެ މިރުސްވަހާ ހުރެ ޒިކުރާ މިސްކިތުގައި ނަމާދަށް ތިބި މީހުން ކޮށިއަރައި، ނަމާދަށް ތިބެން އުނދަގޫވެފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން މިއަދު ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން، މިއަދުގެ ހުކުރު ނަމާދަށްފަހު މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވަނީ ދުންހޮޅި މައްސަލަ ހައްލު ކުރެވެންދެން އެތަނުގެ ހިދުމަތް ވަގުތީގޮތުން ހުއްޓުވައި، ތަން ބަންދުކޮށްފަ އެވެ.

މީގެއިތުރުން، ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން އެ ކެފޭއަށް ވަނުމުން، އެތަނުގައި ކައްކަން ތިބި ބިދޭސީންނާއި، ހިދުމަތް ހޯދަން ގޮސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ދުވެ ފިލާފައިވާކަމަށް ވެސް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.